އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ބައެއްް ޚިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗްއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ހިޔަލަ ވިންގުގެ ބައެއް ފަންގިފިލާތަކުގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައްކުރުމަށް އެ ފަންގިފިލާތަކުން ދެމުންގެންދިޔަ ޚިދުމަތްތައް އެހެން ތަނަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.
ހިޔަލަ ވިންގުގައި ދެމުންގެންދިޔަ އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަރޖެންސީގެ ޚިދުމަތްތަކާއި ލޭބަރ ރޫމް އަދި ލޭބަރ އިންޑަކްޝަން ޔުނިޓުގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗް އިން ހާމަކުރެއެވެ.
އަދި ވާރޑް އޭ، ވާރޑް ބީގައި ހިމެނޭ ވާރޑް އާއި ކޮޓަރިތައް ދަރުމަވަންތައް ހޮސްޕިޓަލުގެ 18 އަދި 19 ވަނަ ފަންގިފިލާއަށް ވަގުތީގޮތުން ބަދަލުކޮށްފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މީގެ އިތުރުން ގައިނީ ތިއޭޓަރުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 12 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް