ފުލުހުންގެ ޒިންމާތަކަށް ހުރަސްއަޅާ ދޯނިފަހަރުން މިފްކޯއިން މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑް ކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން މިހެން ބުނެފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރާ މުޒާހަރާއާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. މިފްކޯއިން މި ބަޔާނުގައި ބުނެފައިވަނީ، ބައެއް ދޯނިފަހަރުތަކުން ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައިހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން ޢަމަލުތައް ބަހައްޓަމުން ގެންދާތީ މިކަން ޙައްލު ކުރުމަށް މިފްކޯއިން، ކަމާއިގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިގޮތުން މިފްކޯގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވަރ ހައުސް އިމާރާތްތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.
މިފްކޯއިން ބުނީ، އެ ކުންފުނީގެ މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ރޭ ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ،އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވާކަން މިފްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.
މީގެއިތުރުން މިފްކޯއިން ބުނީ، 2023 ވަނަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ޚަލާސްކޮށްފައިވާކަމަށާއި، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ބުނެފައިވެއެވެ. މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް 8ރ ގެ ގެއްލުމެއްގައިކަމުން، މަސްދޯނިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެންކަން މިފްކޯއިން ވަނީ އެ ބަޔާނުގައި ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއިއެކީ މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ މިފްކޯއިން ހިތާމަކުރާ ކަމެއްކަމަށް ބުނެފައިވެއެވެ. އަދި މިކަމާއިގުޅިގެން ގާނޫނީ އިމުގެތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި އެ ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ތަން އޮޕަރޭޝަނަށް ގެނެސް ޢާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރެވޭނެ ކަމަށް މިފްކޯއިން ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް