މާލޭގައި މަގުތަކަށް ފެން ފައިބާ ގޮތަށް 303 ތަން އެބަހުރި: ޢާޒިމް

މާލޭ މަގުމައްޗަށް ފެން ފައިބާ ގޮތަށް 303 ތަން ހުރިކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މަގުމައްޗަށް ދިޔަދޮވިތަކުންނާއި އުސް އިމާރާތަކުން ފެން ފޭބުމުގެ މ...

23 Jun 2024 | 09:46

މާލޭ މަގުމައްޗަށް ފެން ފައިބާ ގޮތަށް 303 ތަން ހުރިކަން ވަނީ ފާހަގަ ކުރެވިފައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މަގުމައްޗަށް ދިޔަދޮވިތަކުންނާއި އުސް އިމާރާތަކުން ފެން ފޭބުމުގެ މައްސަލައަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ އުދަނގުލެކެވެ. މިކަން އާއްމުގޮތެއްގައި ދިމާވަނީ ބެލްކަނީ ތަކުގައި ބަހައްޓާފައި ހުންނަ ގަސްތަކަށް ފެން ދިނުމާއި ނުވަތަ ދިޔަދޮވިތަށް ހަލާކު ވެފައި ހުރުމުން ކަން ފާހަގަ ވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ވިދާޅުވީ، މާލޭގެ މަގުތަކަށް ފެންފައިބާގޮތަށް ހުރި 303 ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ތަންތަނަށް ގުޅައިގެން ފެން ފޭބުން ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މޭޔަރ ބުނީ ޖޫރިމަނާ ކޮށްގެން ކޮންމެ ކަމެއް ހައްލު ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން ޖޫރިމަނާ ކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ ކުރާ ކަމަކީ ފެން ފައިބާގޮތަށް ހުރި ތަންތަނުގެ ވެރިންނަށް ގުޅާ ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުމެވެ.

މަގުމައްޗަށް އާއްމުގޮތެއްގައި ފެން ފައިބާ މައިގަނޑު ސަބަބަކަށް މޭޔަރ ފާހަގަ ކުރެއްވީ ގަސްތަކަށް ފެން ދިނުމާއި، ދިޔަދޮވި ހަލާކު ވެފައި ހުރުމާއި، ދިޔަ ދޮވި ނުލާ ހުރުމާއި، އޭސީގެ އައުޓްޑޯ ޔުނިޓުން ފެން ފޭބުން ފަދަ ކަންކަމެވެ. އަދި އިމާރާތްތަކުގެ މަތީގައި އަޅާފައި ހުންނަ ޝީޓު ތަކުންވެސް ފެން ފޭބުމުގެ މައްސަލަ ފާހަގަ ކުރެވިފައިވާކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

މިކަންކަން ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދާ ކަން ފާހަގަކުރެއްވުމަށް ފަހު މޭޔަރ ވިދާޅުވީ، އެންމެން ގުޅިގެން މިކަންކަން ހައްލު ކުރުމަށް އެއްބާރުލުން ދެއްވުމަށެވެ.

އަދި މީހުން ހިނގާ ބިގާ އުޅޭ މަގުތަކުން މިފަދަ ކަންކަން ފާހަގަ ވެއްޖެ ނަމަ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށްވެސް މޭޔަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް