މިސްކިތުގައި ޓިކްޓޮކް ކުޅުނު މެންބަރާމެދު ގްރޫޕުން ފިޔަވަޅު އަޅައިފި

ރ. މީދޫގެ މިސްކިތެއްގައި ޓިކްޓޮކެއް ކުޅުނު އަންހެން މެންބަރާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް އެ މެންބަރު ނިސްބަތްވާ ދަންދާނަ ގްރޫޕުން ބުނެފިއެވެ. އެ ގްރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޢީދު ...

23 Jun 2024 | 08:19

ރ. މީދޫގެ މިސްކިތެއްގައި ޓިކްޓޮކެއް ކުޅުނު އަންހެން މެންބަރާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް އެ މެންބަރު ނިސްބަތްވާ ދަންދާނަ ގްރޫޕުން ބުނެފިއެވެ.

އެ ގްރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޢީދު ފާހަގަކުރުމުގެ ގޮތުން ރ. މީދޫގައި ޝޯއެއް ދިނުމަށް އެ ގްރޫޕުން ރ. މީދޫއަށް ކުރި ދަތުރުގެ ތެރޭގައި މި ގްރޫޕްގެ އަންހެން މެންބަރަކު އެ ރަށު މިސްކިތެއްގެ ތެރޭގައި ޓިކްޓޮކެއް ކުޅެފައިވާ މައްސަލަ މީސްމީޑިއާގައި ދަނީ ދައުރުވަމުންކަމަށާއި މިސްކިތުގެ ގޯތި ތެރޭގައި މި ގްރޫޕްގެ މެންބަރަކު ޓިކްޓޮކް ވީޑިއޯއެއް ކުޅެފައިވާތީ، އެކަން އެ ގްރޫޕުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

"ޓިކްޓޮކް ވީޑީއޯ ކުޅެފައިވާ ފަރާތުން އެކަންތައް ކޮށްފައިވަނީ އަމިއްލަގޮތުން ކަމާއި އެ ޓިކްޓޮކް ވީޑިއޯގައި މި ގްރޫޕްގެ އެއްވެސް ހިއްސާއެއް ނެތްކަން ހުރިހާ ފަރާތެއްގެ މައުލޫމާތަށްޓަކައި ދަންނަވަން، އަދި މި ގްރޫޕްގެ ރަސްމީ ދަތުރެއްގައި އެފަދަ އަމަލެއް ކޮށްފައިވާތީ، އެ ޓިކްޓޮކް ވީޑިއޯ ހެދި ފަރާތް މިހާރުވަނީ މި ގްރޫޕްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް، ވަކި މުއްދަތެއް ނާންގައި ސަސްޕެންޑް ކުރެވިފައިކަމުގައިވެސް ދަންނަވަން" އެ ގްރޫޕުން ބުނެފައިވެއެވެ.

އެ ގްރޫޕުން އިތުރަށް ބުނެފައިވަނީ ދައުރުވަމުންދާ ޓިކްޓޮކް ވީޑިއޯގެ ސަބަބުން އެ ގްރޫޕްގެ ނަން ހަޑިވާގޮތަށް ހަބަރު ނުފެތުރުމަކީ އެ ގްރޫޕްގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އަދި އެ ގްރޫޕުން ކުރިއަށް އޮތްތަނުގައި ކުރާ ދަތުރުތަކުގައި، ގްރޫޕް މެންބަރުންގެ ފަރާތުން މިފަދަ އެއްވެސް އަމަލެއް ނުފެންނާނެކަމުގެ ޔަގީންކަން އެ ގްރޫޕުން އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް