އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި އިހުތިޖާޖު ކުރަމުން އަންނަ މަސްވެރިންގެ ޑިމާންޑުގެ ސަބަބުން އެ ކޮމްޕެލްކްސްގެ މުވައްޒަފުން އެ ތިބީ ސަތަރި އަޅައިގެން ބޭރުގައި ކަމުގައި މިފްކޯއިން ބުނެފިއެވެ.
އެގޮތުން މިފްކޯއިން މިއަދު ބުނީ މަސްވެރިންގެ މުޒާހަރާ ކުރިޔަށް ދާތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީ ގޮތުން ވަނީ މެދުކަނޑާލެވިފައި ކަމަށާއި އަދި މިއަދު ހަވީރު ހަތަރެއްގެ ފަހުން އޭއެފްސީ އިން މުވައްޒަފުން ނެރެ އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓް ގެންނާނެ ކަމުގެ އިންޒާރު މަސްވެރިން ދީފައިވާއިރު އޭއެފްސީ ކައިރީގަ ފުލުހުން ހަރަކާތްތެރިވިނަމަވެސް މުޒާހަރާއަށް އެއްވެސް ހުރަހެއް އެޅުމަށް މިފްކޯއިން ނިންމާފައެއް ނުވާކަމަށެވެ. މުޒާހަރާ ކުރިއަށްދާނަމަ އޭއެފްސީ އޮޕަރޭޝަން ކުރިއަށް ގެންދަން ކުންފުންޏަށް ދަތިވުމުގެ ސަބަބުން އޭއެފްސީ އޮޕަރޭޝަން އަލުން ފެށޭނެ ވަގުތެއް އަދި ދަންނަވަން ދަތި ކަމަށެވެ.
"އިއްޔެގެ މުޒާހަރާގައި މަސްވެރިން ވަނީ ސްޓާފް ކެންޓީން ލޮކް ކޮށްފަ ހުއްޓާ ކުޑަދޮރުން ވަދެ ތަނުގަ ހުރި ފުޑް ސަޕްލައި ބޭނުންކޮށްފައި، އަދި އެކޮމޮޑޭޝަން ބްލޮކް ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން އޭއެފްސީގެ މުވައްޒަފުން ނިދަނީ ބޭރުގަ ސަތަރި އަޅައިގެން، އަދި މުވައްޒަފުން ކެއުން ބުއިމާއި ފާހާނާކުރުން ފަދަ ޒަރޫރީ ބޭނުންތައް ވަނީ ނުފުދިފަ" މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯއިން ބުނީ ރޭގަ ފުލުހުން ރިކުއެސްޓްކޮށްގެން އޭއެފްސީއަށް ކަރަންޓި ދިނުމުން މަސްލަހަތު ގެއްލި ތަނާއި މުދަލަށާއި ތަނުގެ ސްޓާފުންނަށް އެކަމކުގެ ސަބަބުން ގެއްލުން ލިބިދާނެފަދަ ހާލަތަކަށް ހިނގައިދާނެކަމަށް ކުންފުންޏަށް ގަބޫލުކުރެވިގެން ކަރަންޓު ފަހުން ޖެހުނީ ކަނޑާލަން ކަމަށާއި މަސްވެރިންގެ ޑިމާންޑަކީ އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް، ކެފެޓީރިއާ އިން ކަރަންޓު އޮފް ކޮށްފަ ބެހެއްޓުން ކަމަށެވެ. މަސްވެރިންގެ ޑިމާންޑަކީ ޕެންޑިންގް ޕޭމަންޓް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދެއްކުން ކަމަށެވެ.
"ޢީދު ބަންދަށް މިފްކޯއިން ވަނީ 46 މިލިޔަން ދޫކޮށްފަ އަދި އޭރު މީޑިއާތަކަށް ދެންނެވިން ހުޅުވޭ ހަފްތާގަ ޕެންޑިން ޕޭމަންޓް ކްލިއަރ ކުރުމާއިމެދު ހެދޭނެ ގޮތްތައް ބަލައި ސަރުކާރާއެކު މަޝްވަރާކޮށްގެން ގޮތެއް ހޯދާނެ ކަމަށް. އެގޮތުން އޮޑިވެރިންނަށް މިހާތަނަށް ނުދެއްކިވާ ފައިސާ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ދޫކުރުމަށް މިދަނީ މަސައްކަތް ކުރަމުން" މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ އިލްތިމާސަކީ މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖުތައް ވީހާވެސް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދެވުން ކަމަށާއި ހާއްސަކޮށް ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބޭނެ ދެރައެއް ކަމަށެވެ. ހާއްސަކޮށް މުވައްޒަފުންގެ އިންސާނީ ކަރާމާތަށާއި ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރުން. އަދި މުވައްޒަފުންގެ ހައްގުގައި މި ކުންފުނިން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާނެ ވާހަކަ ދެންނެވިން ކަމުގައި ބުނެފައިވެއެވެ. މިފްކޯއިން ބުނާގޮތުގައި އެ ކޮމްޕްލެކްސްގައި ބިދޭސީ މުވައްޒަފުން ހިމެނޭހެން 100 އަށްވުރެ ގިނަ މުވައްޒަފުން ތިބޭނެއެވެ.
މަސްވެރިން ހުކުރު ދުވަހުން ފެށިގެން އިހުތިޖާޖު ކުރަމުން އަންނަނީ ލިބެންޖެހޭ ފައިސާ ނުލިބޭކަމަށްބުނެ އެ މައްސަލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް