އިއްޔެ ގދ. ފިޔޯރީއަށް އިރު އޮއްސުނީ ހިތާމަވެރި ޚަބަރަކާއެކުގައެވެ. އެއީ އެ ރަށު ފިނިވިލާގޭ، އުމުރުން އެންމެ ނުވަ އަހަރުގެ މަރްޔަމް މީނާލް މުޙައްމަދުގެ ޚަބަރެއް ނުވެގެން ޢާއިލާއިން ހޯދަމުންދާކަމުގެ ޚަބަރެވެ.
އެ ޚަބަރާއެކު ރަށުގެ ކުދިބޮޑު އެންމެން ނިކުމެ މީނާލް ހޯދުމުގެ މަސައްކަތުގައި ރަށު ރޫޙުގައި ހަރަކާތްތެރިވަމުން ގެންދިޔައެވެ. އަދި ފަރެސްމާތޮޑާއާއި ރަތަފަންދޫއިންވެސް ގިނަ ބަޔަކު ފިޔޯރީއަށް ގޮސް މީނާލް ހޯދުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ.
ހަވީރު 05:35 ހާއިރުން ފެށީގެން މީނާލް ހޯދަމުންދަނިކޮށް މީނާލް ފެނިފައިވަނީ އެ ރަށުގައި ހުންނަ ފަޅު ގޯއްޗެއް ކަމުގައިވާ ބިއުޓީ ކޯރނަރ ގޭގެ ގޯތި ތެރެއިންނެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ޝަހުމަތު ވިދާޅުވީ ރޭގެ ގާތްގަނޑަކަށް 11:30 ހާއިރު ވަރުބަލިކަންމަތީގަ ވެއްޓިފަ އޮއްވާ ފެނުނީ ބިއުޓީ ކޯނަރގޭގެ ގޯތީގެ ތެރެއިން ކަމަށެވެ.
"އެ ގެ ކައިރީގައި ޙަރަކާތްތެރިވަމުން ދިޔަ ބަޔަކަށް އަޑުތަކެއް އިވިގެން ވަދެ ބެލި އިރު ބަންޑުން ވެއްޓި ހޭނެތިފަ އޮއްވާ. މީހުން އެ ކުއްޖާނަގާ ފެން އެޅުމުން ނޭވާ ލާންފެށުމުން، ވަގުތުން ފިޔޯރީ ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރޮވާ ދޭން ފެށުމުން ގަޑިދެގަޑިއިރުގެ ތެރޭގައި ވަނީ ޢާންމު ޙާލަތަކަށް ގެނެވިފަ" ޝަހުމަތު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފަހުން ރޭގެ ދަންވަރު މީނާލްގެ ޙާލު އެކުގައިހެން ރަނގަޅުވި ކަމަށާއި އަދި ފައިވާނާއި ފޯނާއި ބިއުޓީ ކޯނަރ ގޯތިތެރޭގައި އޮންނާނެކަމަށްވެސް ބުނި ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އިތުރު ޓެސްޓްތަކެއް ހެދުމަށް މިހާރު ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދަތުރުކޮށްފައިވާކަމަށްވެސް ޝަހުމަތު ވިދާޅުވިއެވެ.
މީނާލް ފެނުނު ގެއަކީ ކުރިން ބަޔަކު އުޅުނު އެހެން ނަމަވެސް މިހާރު ފަޅަށް ހުންނަ ގެއެކެވެ. އެ ގެއަކީ މީނަލް ނިސްބަތްވާ ފިނިވާގެއާއި ކައިރި ހިސާބެއްގައި ހުންނަ ގެއެކެވެ.
މީނާލް ފެނުނީ އެ ގޯތީގެ ފާރާއި ގޭގެ ބިތާއި ދެމެދުގައި އޮންނަ ހަނި ޖާގައެއްގެ ތެރޭގައި ބަންޑުން ބިންމަތީގައި އޮއްވައެވެ.
އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނެފައިވާގޮތުގައި މީނާލް ހޯދުމަށް ކުރި މަސައްކަތުގައި އެ ގެ ވެސް ކުރިން ބަލާ ފާސްކުރިއެވެ. އެހެންނަމަވެސް އެފަހަރު ބެލި ބެލުމުން މީނާލް ފެނިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް