ޔޫކްރޭން ހަނގުރާމައިގައި އިންޑިއާ އޮތީ ސުލްހައިގެ ފަޅީގައި : މޯދީ

ޔޫކްރޭނަށް ރަޝިޔާއިން އަރައިގަތުމުން މިހާރު ހިނގަމުންދާ ހަނގުރާމައިގައި އިންޑިއާއޮތީ ވަކިފަޅިއަކަށް ނުޖެހި ނޫންކަމަށާއި އިންޑިއާ އޮތީ ސުލްހައިގެ ފަޅީގައި ކަމުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ...

23 Jun 2023 | 10:53

ޔޫކްރޭނަށް ރަޝިޔާއިން އަރައިގަތުމުން މިހާރު ހިނގަމުންދާ ހަނގުރާމައިގައި އިންޑިއާއޮތީ ވަކިފަޅިއަކަށް ނުޖެހި ނޫންކަމަށާއި އިންޑިއާ އޮތީ ސުލްހައިގެ ފަޅީގައި ކަމުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު އެމެރިކާއަށް މިމަހު ކުރަށްވަން ހަމަޖެހިފައިވާ ތާރީހީ ދަތުރުފުޅުގެ ކުރިން ވޯލް ސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި މޯދީ ވިދާޅުވެފައިވަނީ ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި ސުލްހަމަސަލަސްކަން ގާއިމްކޮށް ހަމަޖެހުން ގެނައުމަށް ކުރާ ހުރިހާ ހިކުމަތްތެރި މަސައްކަތްކަކަށް އިންޑިއާއިން އެއްބާރުލުން ދޭނެކަމަށެވެ. އަދި ހުރިހާ ގައުމަކުންވެސް ބައިނަލަގްވާމީ ގާނޫނުތަކަށާއި ހުރިހާ ގައުމެއްގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަމަށާއި، އުފެދޭ ނުތަނަވަސްކަން ހައްލުކުރަންޖެހޭނީ ވާހަކަދައްކައިގެންނާއި ޑިޕްލޮމަސީ މެދުވެރިކޮށްގެންކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން އެކަން ކުއްވެރިކޮސް އދ ގައި ނެގި ވޯޓުގައި އިންޑިއާއިން ބައިވެރިއެއްނުވެއެވެ.

އެމެރިކާއަކީ އިންޑިޔާގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. 2022 ވަނަ އަހަރު މިދެ ގައުމުގެ މެދުގައި 191 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވެއެވެ. އަދި މީގެ އިތުރުން އިންޑިޔާއަށް ތިންވަނައަށް އެންމެ ބޮޑު ޑައިރެކްޓް ފޮރިން އިންވެސްޓްމެންޓެއް ކޮށްފައިވާ ގައުމަކީ އެމެރިކާއެވެ. ކަން މިހެން އޮތްނަމަވެސް އިންޑިއާއިން ދަނީ ރަޝިޔާއާއިއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އިންޑިއާއަށް ބޭނުންވާ އަސްކަރީ އާލާތުގެ 50 ޕަސެންޓު ފޯރުކޮށްދެނީ ރަޝިޔާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް