އެޓްލާންޓިކް ކަނޑަށް އަރަގުވެފައިވާ ޓައިޓޭނިކް ބޯޓު ބަލަށް މަހުޖަނުންތަކެއް ގޮވައިގެން ފީނި ޓައިޓަން ސަބްމާސިބަލް އާއި ގުޅުން ކެނޑުނުތާ މާ ގިނައިރުތަކެއް ނުވެ އެއްޗެއް އިމްޕްލޯޑް ވިކަން އެމެރިކާގެ ނޭވީއަށް ފާހަގަވިކަން ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފިއެވެ.
ބުރާސްފަތި ދުވަހު އެމެރިކާގެ ނޭވީގެ އިސް އޮފިސިއަލަކާއި ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އިމްޕްލޯޝަން ފާހަގަވެފައިވަނީ ސަބްމެރިންގެ ހަރަކާތް ބެލުމަށް ފަރުމާކޮށްފައިވާ ސިއްރު މޮނިޓަރިން ސިސްޓަމަކަށެވެ.
ޓައިޓަން ސަބްމާސިބަލްގެ ބައިތައް ޓައިޓޭނިކް ކައިރިން ފެނިފައިވާކަމަށް މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ކޯސްޓު ގާޑުންވަނީ އިއުލާނުކޮށްފައެވެ. މި އިއިއުލާނާއިއެކު ޓައިޓަން ސަބްމާސިބަލް އިން ދަތުރުކުރި ފަސް މީހުން ސަލާމަތް ކުރުމަށް، ހަތަރު ދުވަހަށް ދެމިގެންދިޔަ އޮޕަރޭޝަންވަނީ ހުއްޓާލާފައެވެ. އަދި މި ފަސްމީހުން މިހާރު މަރުވެފައިވާކަމަށްވެސް ވަނީ ނިންމާފައެވެ.
އާރުއެމްއެސް ޓައިޓޭނިކް އަޑިއަށް ދިޔާއި 2،200 އަށްވުރެ ގިނަ ފަސިންޖަރުންނާއި ފަޅުވެރިން ގޮވައިގެން، އިނގިރޭސިވިލާތުގެ ސައުތްހެމްޕްޓަން އިން އެމެރިކާގެ ނިއު ޔޯކަށް ދަތުރުކުރަމުން ދަނިކޮށް، 15 އޭޕްރިލް 1912 ވަނަ ދުވަހު އެޓްލާންޓިކް ކަނޑުގައި އައިސްބާގެއް ގައި ޖެހި ހިނގި ހާދިސާއެއްގައެވެ. މިހާދިސާގައި 1،500 އަށްވުރެ ގިނަމީހުން މަރުވެފައިވެއެވެ.
ޓައިޓޭނިކް ކަނޑުގެ އަޑިން ހޯދިފައިވަނީ ހާދިސާ ހިނގިތާ 73 އަހަރު ފަހުން 1985 ވަނަ އަހަރުގައެވެ. ޓައިޓޭނިކް މިހާރު އޮތީ އެޓްލާންޓިކް ކަނޑުގެ 12،500 ފޫޓު (3.8 ކިލޯމީޓަރު) އަޑީގައެވެ. މިހާ ފުނަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވަނީ މަދު އަދަދެއްގެ ސަބްމެރިންއަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް