ޔޯގާ ހަމަނުޖެހުމާއި ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގާ އިއްޔެ ހައްޔަރުކުރީ ޝައިޚް އާދަމް ނިޝާނާއި ޝައިޚް ފަޒްލޫން މުހައްމަދާއި ކުރީގެ އެމްޕީ މުހައްމަދު އިސްމާއިލާއި އިބްރާހިމް ރައްޒާނާއި އަހްމަދު ނަސޫހާއި އަބްދުﷲ ރިފާއު އެެވެ.
ފުލުހުން ބުނެފައިވާގޮތުގައި 2022 ޖޫން 21 ވަނަ ދުވަހުގެ ހެދުނު ނެޝަނަލް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 60، ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފައެވެ.
" މިމައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި/ ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް (48އ) އާއި ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އަދި ށ. މިލަންދޫ/ ނާޒް، ފަޟްލޫން މުޙައްމަދު (33އ) އެވެ." ފުލުހުން ބުނެފައިިވެއެވެ.
އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު ނަސޫޙް އާއި ޢަބްދުﷲ ރިފާޢުއެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލް އާއި އިބްރާހިމް ރައްޒާންއަށް ދީފައިވާއިރު އާދަމް ނިޝާން އާއި ފަޟްލޫން މުޙައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.
އިއްޔެ ހައްޔަރުކުރި މީހުންނާއެކު މިމައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ޖޫން 21 ވަނަ ދުވަހު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް