2022/2023 ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
މި މަސައްކަތް އެ މިނިސްޓްރީން ކުރިޔަށް ގެންދަނީ ކުރީގެ އަރަބިއްޔާ ސްކޫލް ހިންގި އިމާރާތުގައި އެވެ. އެޑިއުކޭޝަނުން ބުނީ ފޮތްތައް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުވުމުގެ މަސައްކަތް އަންނަ ޖުލައި13 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
ފޮތްތައް ފޮނުވަން ފެށި އިރު އެންމެ ގިނަ ބައެއްގެ ސުވާލަކަށް ވެފައި ވަނީ މިދިޔަ އަހަރު މައްސަލަ ޖެހުނު އިސްލާމް އަދި ޤުރުއާން މާއްދާގެ ޓެކްސްޓް ފޮތްތައް ފޮނުވުމުގައި އަމަލު ކުރާނެ ގޮތަކާއި މެދު އެވެ.
މިކަމާއި ގުޅޭގޮތުން މިއަދު އަރަބިއްޔާ ސްކޫލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ، އެ ދެ މާއްދާގެ ފޮތްތައް ނެރޭނީ އަލުން ޗާޕްކޮށްގެން ކަމަސެވެ. މިިދިޔަ އަހަރު ދިމާވި މައްސަލަތަކުގެ ސަބަބުން މި އަހަރު ފޮތްތައް ޗާޕްކުރުމުގެ ކުރިން ބަލާ ޗެކް ކުރި ކަމަށާއި ފާހަގަވި ހުރިހާ މައްސަލައެއް ވެސް ހައްލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާހަގަވި ހުރިހާ ކުށެއް އިސްލާޙު ކޮށްފައި ވީނަމަވެސް އަދިވެސް އޮމްލާ ކުށެއް ނޯންނާނޭކޭ ދަންނަވަން ނުކެރޭނެ ކަމަށެވެ. އަދި އިންސާނުން ކުރާ މަސައްކަތަކަށްވާތީ ކުށެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު މައްސަލަ ޖެހުނީ ގްރޭޑް އެކެއްގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައި ހުރުމުންނެވެ. އޭގެ ފަހުން ހަމަ އެ ދުވަސްވަރު ގްރޭޑް 2 އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަމަށް، ބައެއް އިލްމުވެރިން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ މުވައްޒަފުން ނުހިމެނޭ މިނިވަން، ފަންނީ ބޭފުޅުން ހިމެނޭ ކޮމިޓީއަކުން އިިސްލާމް އަދި ގުރުއާން، ދެ މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއު ކުރަން ފެށި އެވެ. މިނިސްޓްރީން ވަނީ އެ މަސައްކަތް ނިންމާލާފައިވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް