ލ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް އޯގަސްޓް މަހު ބާއްވަން ނިންމާ، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
"ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު 2022" ގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ 50،000 ރުފިޔާ ހުށަހަޅާފައިވާއިރު، މި މުބާރާތުގައި ބައިވެރިކުރުމަށް ނިންމާފައިވަނީ 20 ޓީމެވެ. އަދި ބައިވެރިވުމުގެ ފީ އެއްގެގޮތުގައި ދެހާސް ރުފިޔާ ދައްކަން ޖެހެއެވެ.
މި މުބާރާތަކީ މުޅި ހައްދުންމައްޗަށް (ލ. އަތޮޅަށް) ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެހެންކަމުން ލ. އަތޮޅުގައި ރެޖިސްޓްރީކޮށްފައިވާ ކްލަބު، ޖަމިއްޔާ، ވިޔަފާރިތައް، ސަރުކާރުގެ އިދާރާތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ ކޮންމެ ޓީމެއްގައި ވެސް އަތޮޅުން ބޭރު ދެ ކުޅުންތެރިން ހިމެނިދާނެ ކަމަށެވެ. ލ. އަތޮޅުގެ މީހެއްގެ ގޮތުގައި ބަލާނީ އެ އަތޮޅަށް ނިސްބަތްވާ އައިޑީ ކާޑު އޮންނަ މީހުން ކަމަށް ވެސް ބުންޏެވެ.
"ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖު" ބޭއްވުމުގެ މަޤުސަދުތަކުގެ ތެރޭގައި ލ. އަތޮޅުގެ ޓީމުތަކުގެ މެދުގައި ފޯރިގަދަ، ވާދަވެރި މުބާރާތެއް ބޭއްވުމާއި އެ އަތޮޅުގެ ރަށްތަކުގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ފުޓްސަލްއިން ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ހިމެނެއެެވެ. އަދި އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި އިޖުތިމާޢީ ގުޅުން ބަދަލުކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން އެ އަތޮޅުގައި މަތީ ފެންވަރެއްގައި ފުޓްސަލް ކުޅުމުގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދެކެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖުލައި 10 ވާ އާދީއްތަ ދުވަހެވެ. މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7999222 ނުވަތަ 9787879 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.
ކޮވިޑުގެ އާލަމީ ވަބާގެ ސަބަބުން މުބާރާތް މެދުކެނޑިފައި އޮތުމަށްފަހު މި އަހަރު އަލުން ބާއްވާއިރު،2020 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލެކްރޯސް އެސްސީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް