ޕާކިސްތާން ހައިކޮމިޝަނުން ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ލެޕްޓޮޕް ހަދިޔާކޮށްފި

ހައިކޮމިޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާންއިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ހަދިޔާކުރާ ލެޕްޓޮޕްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިސްލާމިކް މިނިިސްޓްރީން ބުނީ މ...

23 Jun 2022 | 04:24

ހައިކޮމިޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާންއިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ހަދިޔާކުރާ ލެޕްޓޮޕްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްލާމިކް މިނިިސްޓްރީން ބުނީ މި ރަސްމިއްޔާތުގައި ޕާކިސްތާނު ހައިކޮމިޝަންގެ ފަރާތުން ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ ހައިކޮމިޝަނަރ އޮފް ޕާކިސްތާން ހިޒް އެކްސެލަންސީ ވައިސް އެޑްމިރަލް ރިޓަޔަރޑް އަޠްހަރް މުޚްތާރް ކަމަށެވެ.

އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ލެޕްޓޮޕްތައް ހަދިޔާ ކުރުމާގުޅިގެން އެކަން ފާހަގަކުރައްވައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ފަރާތުން ޕާކިސްތާނު ހައިކޮމިޝަނަށް އައްޑަނައެއް ވަނީ އަރުވާފައެވެ.

މި އައްޑަނަ ހަވާލުކުރެއްވީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށްޓަކައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުން ހިންގަމުންދާ ހަރަކާތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި މަރްކަޒަށް، ހައިކޮމިޝަނަރ އޮފް ޕާކިސްތާން ހިޒް އެކްސެލަންސީ ވައިސް އެޑްމިރަލް ރިޓަޔަރޑް އަޠްހަރް މުޚްތާރް ޝުކުރު ދެންނެވިއެވެ.

އަދި މި ހަރަކާތްތައް ކުރިއަށް ގެންދެވުމުގައި މަރްކަޒުގައި މަސައްކަތްކުރައްވާ މުދައްރިސުންގެ ދައުރު ޚާއްސަގޮތެއްގައި ފާހަގަ ކުރެއްވިއެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ލެޕްޓޮޕްތައް ހަދިޔާ ކުރެއްވުމާގުޅިގެން ޝުކުރު ދަންނަވަމުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލްގެ ވާހަކަފުޅުގައި ހައިކޮމިޝަން އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒާއިއެކު ބާއްވަވާ ގާތްގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވައި މި ގުޅުމުގެ ސަބަބުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒަށް ވަރަށް އުޖާލާ އުންމީދީ ކުރިމަގެއް ލިބިގެންދިއުމަށް ތަޞައްވަރު ކުރެއްވޭ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގެ ކުރިމަގު އުޖާލާކުރުމަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަމުން ޚާއްސަކޮށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއަށް ޝުކުރު ދެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް