އަންނަ ސީޒަނުގައި މެސީގެ އަސްލު މޮޅު ކުޅުން ފެންނާނެ - އަލްޚެލައިފީ

ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަނުގައި ލިއޮނެލް މެސީގެ ފަރާތުން އެދެވިގެން ވާ ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް އަންނަ ސީޒަނުގައި މެސީގެ އަސްލު މޮޅު ކުޅުން ފެނިގެން ދާނެ ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އަލ...

23 Jun 2022 | 02:15

ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަނުގައި ލިއޮނެލް މެސީގެ ފަރާތުން އެދެވިގެން ވާ ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް އަންނަ ސީޒަނުގައި މެސީގެ އަސްލު މޮޅު ކުޅުން ފެނިގެން ދާނެ ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚެލައިފީ ބުނެފިއެވެ.

ފްރާންސް ނޫހެއް ކަމުގައިވާ ލެ ޕެރިސިއަން އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަ ދައްކަމުން ޚެލައިފީ ބުނީ ނިމިގެން ދިޔަ ސީޒަނަކީ މެސީއަށް ވަރަށް ބަދުނަސީބު ޒީޒަނެއް ކަމަށާއި އެގޮތުން މެސީގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ނުދިޔަ ކަމަށެވެ. އެހެން ނަމަވެސް ނިމިގެން ދިޔަ ސީޒަނާއި ޚިލާފަށް އަންނަ ސީޒަނަކީ މެސީގެ ފަރާތުން އޭނާގެ އަސްލު މޮޅު ކުޅުން ފެނިގެން ދާނެ ސީޒަނެއް ކަމަށް އަލް ޚެލައިފީ ބުންޏެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މެސީ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އެއީ ހަތް ފަހަރު ބެލޮންޑޯ އެވޯޑްވެސް ހޯދާފައިވާ ކުޅުންތެރިއެއް ކަން ފާހަގަ ކުރަމުން ޚެލައިފީ ބުނީ މެސީގެ މޮޅު ކުޅުމާއި މެދު ޝައްކު ކުރާނެ އެއް ވެސް ޖާގައެއް ނެތް ކަމަށެވެ.

" މެސީގެ މޮޅު ކުޅުމާއި މެދު ޝައްކު ކުރާނެ އެއްވެސް ޖާގައެއް ނެތް. އެއީ ހަތް ފަހަރު ބެލޮންޑޯ އެވޯޑް ހޯދާފައިވާ އަދި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. އަންނަ ސީޒަނުގައި މެސީގެ އަސްލު މޮޅު ކުޅުން ފެނިގެންދާނެ." ބަސްދީގަތުމުގައި ވާހަކަ ދައްކަމުން ޚެލައިފީ ބުންޏެވެ.

މީގެ އިތުރުން ޚެލައިފީ ބުނީ ނިމިހެން ދިޔަ ސީޒަނުގައި އަސްލު މެސީ ފެނިގެން ނުދިއުމުގެ ސަބަބުތަކެއް ވެސް އެބަ ހުރިކަމަށާއި އެގޮތުން އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ މެސީ މާހައުލަށް ފިޓު ނުވުމުން ދިމާވި މައްސަލަ ކަމަށެވެ. ނަމަވެސް މިހާރު އެކަން ވެސް ހައްލު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

20 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ބާސާގައި ހޭދަކޮށް އެކުލަބާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދައި ދިނުމަށް ފަހު މެސީ ޕީއެސްޖީއަށް ބަދަލުވީ ނިމިގެން ދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ.

ޕީއެސްޖީއަށް ބަދަލުވުމަށް ފަހު އެ ކުލަބުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މެސީ ވަނީ އޭނާ ކުޅެދިން 34 މެޗުގައި 11 ގޯލު ކާމިޔާބު ކޮށްފައިވެެެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް