ފްލައިން ސްކޫލް ހިންގާ އިމާރާތް ހުސްކުރަން އަންގައިފި

އައްޑޫ ސިޓީ ގަމުގައި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން ފްލައިން ސްކޫލް ހިންގަމުން އަންނަ އިމާރާތް ހުސް ކުރަން އަންގައިފި އެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގެ މެނޭޖިން ޑ...

23 Jun 2021 | 16:06

އައްޑޫ ސިޓީ ގަމުގައި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން ފްލައިން ސްކޫލް ހިންގަމުން އަންނަ އިމާރާތް ހުސް ކުރަން އަންގައިފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު މީޑިއާގައި ވިދާޅުވީ އިމާރާތް ހުސްކުރަން ނޯޓިސް ފޮނުވީ ދެ ކުންފުނީގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުނިން ނިންމާފައިވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން ކަމަށެވެ.

ދެ ކުންފުނީގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.

ގައިސް ވިދާޅުވީ މީގެ ކުރިން އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އެކި ފަހަރު މަތިން އިތުރު ކޮށްފައިވާނެ ކަމަށެވެ.

އެންމެ ފުރަތަމަ ފްލައިން ސްކޫލް ހިންގަން އެ ކުންފުންޏަށް ގަމުން ބިން ދިނީ 2009 ވަނަ އަހަރު 10 އަހަރުގެ މުއްދަތަކަަށެވެ. އެ މުއްދަތު 2019 ވަނަ އަހަރު ހަމަވި ފަހުން ދިގު މުއްތަކަށް އެއްބަސްވުން އާ ކޮށްފައި ނުވި ނަމަވެސް މިހާތަނަށް އައީ ހުއްދައިގެ މުއްދަތު އިތުރު ކުރަމުންނެވެ.

އޭއޭއޭ އާއި އެކު ވެފައިވާ އެއްބަސްވުން އާ ނުކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ނިންމާފައި މިވަނީ އެ ކުންފުންޏާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ ސަރުކާރުން އެ ކުންފުންޏާއި ދެކޮޅަށް ބައެއް ފިޔަވަޅުތައް އަޅާފައި ވަނިކޮށެވެ. އަދި ކުންފުންޏަށް މިހާރުވަނީ ފަހުގެ އިންޒާރު ދީފަ އެވެ.

އެ ސްކޫލްގައި ކިޔަވަމުންދާ ބައެއް ދަރިވަރުން ނޯޓިސް ދިނުމެއް ނެތި ވަކި ކުރުމާއި ޑޮލަރުން ފީ ބަލައިގަތުމުގެ މައްސަލައިގެ އިތުރުން ތަމްރީން ހަދާނެ މަތިންދާ ބޯޓު ނެތުމުގެ މައްސަލަ ސިވިލް އޭވިއޭޝަން މިނިސްޓްރީން ފާހަގަ ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް