މިސްކިތުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ގޮވާލާ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މިސްކިތްތަކުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލުތައް ހިނގަމުންދާ މި ދަނޑިވަޅުގައި، މިސްކިތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ މައްސަލައެއް ހުށަހަޅަމުން ޝަރީފް ފާހަގަކުރައްވާފައި ވާ ގޮތުގައި، މިސްކިތްތަކުގައި މަސްވުތާ ތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރަމުންދާ ކަމަށާއި، އެތަކެތި ބޭނުން ކުރާ މީހުން މިސްކިތްތަކުގައި ކައި ބޮއެ ނިދާ ކަމަށެވެ.
އެއީ އިސްލާމީ އުސޫލުތައް ނެތިކޮށްލާ ކަންކަން ކަމަށާއި އިސްލާމީ މުޖުތަމައެއްގައި ހިނގައިގެން ނުވާނެ ކަންތައްތަކެއް ކަމަށް ޝަރީޕް ވިދާޅިވިއެވެ.
"މާލޭގައި މިއަަހަރު ވެސް ގާތްގަނޑަކަށް ހަތް މިސްކިތެއްގައި، މަސްތުވާތަކެތީގެ މުއާމަލާތް ކުރާ ކަމަށް ހަބަރުތައް ފެތުރިފައި އެބަހުރި. މިބާވަތުގެ ނުރައްކާތެރި، އަަޅުގަނޑުމެން އުއްމީދުނުކުރާ ކަހަލަ ކަންތައްތަކެއް މިސްކިތްތަކުގައި ހިނގަމުން ދާއިރު އަޅުގަނޑު ހިތުން އެތަންތަނުގެ ސަލާމަތާ ރައްކާތެރިކަން، އަދި އެތަންތަން ހިމާޔަތްކުރުމަށްޓަކައި، އެތަންތަނުގައި އެބާވަތުގެ އަމަލުތައް ނުހިންގޭނެ ގޮތަކަށް ކަންތައްތައް ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ވޯޓް ދެއްވި 33 މެމްބަރުންގެ ތެރެއިން 31 މެމްބަރުން ވަނީ މައްސަލަ ފާސްކުރުމަށް ވޯޓް ދެއްވާފައެވެ. އަދި އެ މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓް ދެއްވި އިރު، ވޯޓް ނުދެއްވާ ދެ މެމްބަރުންވެސް ތިއްބެވިއެވެ.
މަސްތުވާތަކެތި ބޭނުން ކުރަންށާއި މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ތިބޭ މީހުން ހައްޔަރު ކުރާކަމަށް ފުލުހުން ވެސް ބުނެފައި ވެއެވެ.
ފުލުހުން ހައްޔަރު ކުރި ބައެއް މީހުން އަތުން މަސްތުވާތަކެތި ފެނިފައިވެ އެވެ. އަދި ބައެއް މީހުން މިސްކިތު ފާހާނާ ގައި މަސްތުވާ އެއްޗެހި ބޭނުން ކުރުމުގެ މަސައްކަތް ކުރަނިކޮށްވެސް ފެނިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް