ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން ބޭއްވި އެނާރޖީ އިންވެސްޓަރ ކޮންފަރެންސް ނިންމާލައި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ވާލްޑް ބޭންކާއި އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސާއި ގުޅިގެން ވާރޗުއަލްކޮށް ބޭއްވި އިންވެސްޓަރ ކޮންފަރެންސް ނިންމާލައިފިއެވެ....

23 Jun 2021 | 15:20

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ވާލްޑް ބޭންކާއި އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސާއި ގުޅިގެން ވާރޗުއަލްކޮށް ބޭއްވި އިންވެސްޓަރ ކޮންފަރެންސް ނިންމާލައިފިއެވެ. ކޮންފަރެންސް ބާއްވާފައި ވަނީ މިއަދު  ހަވީރު 16:00 އިން 19:00 އަށެވެ.

މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހަކަތައިގެ ދާއިރާގައި ފާހަގަކޮށްލެވޭ އިންވެސްޓަރުން ހިމެނެއެވެ.

2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވަލައިވައި މި ކޮންފަރެންސްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ތަގްރީރުކުރައްވާފައި ވެއެވެ.

ކޮންފަރެންސް ފެށުމުގެ ގޮތުން ޚާއްސަ މެހެމާނުންގެ ގޮތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ ފައްޔާޒް އިސްމައިލް ބައިވެރިވެ ތަގްރީރުކުރެއްވިއެވެ. އޭގެ އިތުރުން މި ކޮންފަރެންސްގައި ސީޝެލްސްގެ އެންވަޔަރަންމަންޓް މިނިސްޓަރ ފެލވިއަން ޖޯއުބާރޓް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންފަރެންސްގައި މިހާރުވެސް ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނަރޖީ – އެސްޕަޔަރ ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ -  އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކާއި ބެހޭ މައުލޫމާތު ދިނުމަށް ސެޝަންއެއް ކުރިއަށްގެންގޮސްފައި ވެއެވެ..

ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންވެސް މި ކޮންފަރެންސަގައި ބައިވެރިވެ ސެޝަންއެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

އޭގެ އިތުރުން ކުދި ގައުމުތަކުގެ ކުރިއެރުމަށް ހަކަތައިގެ ދައިރާގެ މުޙިއްމު ކަމާއި ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަންއެއްވެސް ވަނީ ކޮންފަރެންސަގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެޕެނަލްގައި އިންޓަނޭޝަނަލް ރިނުއިއުވަބަލް އެނަރޖީ އޭޖެންސީ – އައިރީނާ އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް – އޭއައިއައިބީ އާއި އިންޓަނޭޝަނަލް ސޯލަރ އެލަޔަންސް – އައިސާއިން ބައިވެރިވިއެވެ.

ހަމައެޔާއެކު އިންވެސްޓަރުންގެ ހުރި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ސުވާލާއި ޖަވާބު ސެޝަންއެވެސް ވެސް ކުރިއަށް ގެންގޮސްގައި ވެއެވެ. މި ސުވާލާއި ޖަވާބު ޕެނަލްގައި މިނިސްޓްރީ އޮފް ފިނޭންސް އަދި އިކޮނޮމިކް ޑިވެލޮޕްމްންޓް މިނިސްޓަރީގެ އިތުރުން އެމްއެމްއޭވެސް ވަނީ ބައިވެރިވެފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް