ބޭރު ޓީޗަރުންނަށް ދޭގޮތަށް މުސާރައާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ވިދާޅުވީ، ވަކި ގައުމަކަށް ވީތީ ވަކިގޮތެއް ހަދާ ތަފާތުކުރުން ނިމުމަކަށް ނުގެނެސް ޓީޗަރުން ލިބުމުގެ މައްސަލަ ދުވަހަކުވެސް ޙައްލެއް ނުވާނެ ކަމަށެވެ.
އަދި ބޭރު ޓީޗަރުންނަށް ދޭގޮތައް، ކެއުމަށާއި ބޯހިޔާވަހިކަމަށް ވަކިން އެލަވަންސްދީ އެކަށީގެންވާ މުސާރަޔާއި އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރު ޤައުމުތަކުން ޓީޗަރުން ރެކްރޫޓް ކުރުމާ ބެހޭގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެފައި ވަނީ، ޓީޗަރުން ރެކްރޫޓް ކުރީ ރާއްޖޭއިން ޓީޗަރުން ލިބިފައި ނުވާތީ ކަމަށެވެ.
ރެކްރޫޓް ކުރި ޓީޗަރުންނަކީ އެ މާއްދާތައް ކިޔަވައިދޭން ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް ޢިއުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަޤާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިޔާ ހައިކޮމިޝަންގެ ފަރާތުން ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމަށްވާ، ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން، އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދެވިފައިވާކަމަށް އެ މިނިސްޓްރީގެ ނޫސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް