ކާފިއުތެރޭ ރާއިފް މަރާލައި، މޫދަށް އެއްލާލިއިރު ފުލުހުން ކޮބާތޯ ސުވާލު އުފައްދައިފި

އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރު ރަހީނުކޮށް މަރާލުމަށް ފަހު ކާފިއު ގަޑީގައި މޫދަށް އެއްލާލި އިރު ފުލުހުން ކޮބައިތޯ ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު އުފައްދަވައ...

23 Jun 2021 | 10:36

އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރު ރަހީނުކޮށް މަރާލުމަށް ފަހު ކާފިއު ގަޑީގައި މޫދަށް އެއްލާލި އިރު ފުލުހުން ކޮބައިތޯ ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު އުފައްދަވައިފި އެވެ.

ސައީދު މިހެން ވިދާޅުވީ ރާއިފް އަންވަރަށް އިންސާފު ހޯދައި ދިނުމަށް އެދި މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ފިރުޝާން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރި ބަހުސްގައެވެ.

ސައީދު ވިދާޅުވީ އެ ހާދިސާއިން ދައުލަތުގެ ބަލިކަށިކަން ވަރަށް ރީއްޗަށް އެނގިގެން ގޮސްފައިވާ ކަމަށެވެ.

"ރައްޔިތުން އުފައްދާ އެންމެ މުހިންމު ސުވާލުތަކުގެ ތެރޭގައި ރައްޔިތުން އެބަ ބުނޭ ކޮން ގާނޫނެއް ނެތިގެންތޯ މިފަދަ ކަންތައްތައް ނުހުއްޓުވިގެން މިއުޅެނީ." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ކުޑަކުއްޖަކު ރަހީނު ކޮށްގެން އެ ގެންދިޔައީ މި މާލެ ސަރަހައްދުގައި ކާފިއުގެ ވަގުތުގައި ކަމަށާއި ހަމަ ގައިމު ވެސް އެ ވަގުތު މަގުތައް އާންމު ހާލަތެއްހާ ބިޒީއެއް ވެސް ނުވާނެ ކަމަށެވެ. ސައީދު ވަނީ ފުލުހުންނާއި މަގުމަތި ބަލަހައްޓާ މީހުންނަށް މިކަންކަން ފާހަގަ ނުކުރެވިގެން މި އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައި އެވެ.

އޭނާ ވިދާޅުވީ، މިއީ އާންމު ރައްޔިތުން ވެސް ކުރާ ސުވާލެއް ކަމަށެވެ.

ސައީދު ވިދާޅުވީ ދައުލަތަށް މިއަށް ވުރެ ބޮޑަށް ބިރުވެރިކަމެއް އައިސް ފައިވާ ދުވަހެއް އައިކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރު ކޮށްދިނުމަށް ދައުލަތް މިހާރު ނުކުޅެދިފައިވާ ކަމަށެވެ.

މަރާލި13 އަހަރުގެ ރާއިފަކީ ދައުލަތުން އިޖުތިމާއީ އެހީ ފޯރުކޮށްދެމުން ދިޔަ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން އިއްޔެ ބުނެފައިވެ އެވެ.

ރާއިފްގެ މަރާ ގުޅިގެން ތުހުމަތަށް 17 އަހަރާއި 27 އަހަރުގެ ދެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލޭގައި އަލަށް އާބާދުވާ ސަރަހައްދުގެ މޫދުންނެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް