މާލޭގެ ކާފިއު ގަޑިއަށް ގެނައި ބަދަލާއި އެކު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވައިގެން ހިދުމަތްދެވޭ ވަގުތު އިތުރުކޮށްފި އެވެ.
އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން މާލޭގައި ކާފިއު ހިންގާ ގަޑިއަށް ބަދަލު ގެނެސްފައި އެވެ. އެގޮތުން ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ހިންގާނީ ހަވީރު 6:00 ން ފަތިހު 4:00 އަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ބަދަލާއި އެކު ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހެނދުނު ހެނދުނު 8:00 ން ހަވީރު 6:00 އަށް ކަމަށެވެ. މި ވަގުތުތަކުގައި އެފަދަ ތަންތަނުން ދެވޭނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް އެކަންޏެވެ.
އަދި ފުލުހުންގެ ހުއްދައާއެކު އެފަދަ ތަންތަނަށް ހެނދުނު 6:00 ން ދަންވަރު 12:00އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެ އެވެ.
މި މުއްދަތުގައި ފިހާރަތައް ވެސް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 ން ހަވީރު 6:00 އަށެވެ. މި ވަގުތުތަކުގައި ހުއްދަ އޮންނަ މީހުންނަށް ފިހާރަތަކަށް ވަދެ ވިޔަފާރި ކުރެވޭނެ އެވެ. އަދި ހެނދުނު 6:00 ން މެންދަމު 12:00 އަށް ފުލުހުންގެ ހުއްދައާ އެކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.
މި ބަދަލުތައް ގެނެސްފައިވަނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ.
އެޗްޕީއޭއިން ކާފިއު ވަގުތު ކުޑަ ކުރި ނަމަވެސް ހެނދުނު 8:00 ން ހަވީރު 6:00 އަށް އާންމުތަންތަނަށް ނުކުމެވޭނީ ފުލުން ދޫކުރާ ފާހާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް