އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުގެ މެމްބަރަކު ކަމަށް ކުރިމަތި ލުމަށް ހުވާލީ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިދިޔަ ހަފްތާގައި އީސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. ޝަރީފު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަނުގެ ރައީސްގެ މަގާމުވެސް ވަނީ ހުސްވެފައި އެވެ.
ރައީސް އޮފީހުން ބުނީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު އެ އޮފީހަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ ހައެއް އަދި ހަތްވަނަ ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 12:30 އާ ދެމެދު ކަމަށެވެ. އެކަމަށް އެދޭ ފޯމު ރިސެޕްޝަނުންނާއި ރައީސް އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
އީސީގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. މިވަގުތު އެ ކޮމިޝަނުގައި ތިއްބެވީ ހަތަރު މެމްބަރުންނެވެ.
އެއީ ނައިބު ރައީސް އިސްމާއިލް ހަބީބު، މެމްބަރު އަލީ ނަޝާތު، ޑރ، މުހައްމަދު ޒާހިރު އަދި ފުވާދު ތައުފީގެވެ.
މީގެ ތެރެއިން ފުވާދު ވަނީ އީސީގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން ހާމަ ކުރައްވާފަ އެވެ. އީސީއަށް ރައީސަކު ހޮވޭނީ ކޮމިޝަނަށް ފަސް މެމްބަރުން ހަމަ ވުމުންނެވެ.
އީސީގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް މީހަކު ހައްޔަން ކުރެވޭނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި މަޖިލީހުން ރުހުން ލިބުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް