ހޮޅުދޫ މީހުންގެ ކުކުޅު އަޅާ އޭތި!

ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ވަނަންތައް ހުރެއެވެ. އެއީ އެމީހުންގެ ފަހުރެއް ކަމަށް ދެކޭ ނަންތަކެވެ. އެކަމަކު ރާއްޖޭގައި ގިނަ ފަހަރަށް ރަށްރަށާއި މުޚާތަބުކޮށް ބޭނުން ކު...

23 Jun 2021 | 07:35

ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ރަށްރަށުގެ ނުވަތަ ސިޓީތަކުގެ ވަނަންތައް ހުރެއެވެ. އެއީ އެމީހުންގެ ފަހުރެއް ކަމަށް ދެކޭ ނަންތަކެވެ. އެކަމަކު ރާއްޖޭގައި ގިނަ ފަހަރަށް ރަށްރަށާއި މުޚާތަބުކޮށް ބޭނުން ކުރާ ވަނަންތަކަކީ އެރަށްރަށުގެ މީހުންގެ އެހާ ހިތްޕުޅާ ނުވާ ނަންތަކެކެވެ. މިއީ ގިނަ ރަށްރަށުގައި ކަން އޮންނަ ގޮތް ކަމުގައި ވިޔަސް ނ.ހޮޅުދޫ މިއާ މުޅިން ޚިލާފެވެ.

ހޮޅުދޫއަށް ޒަމާނުއްސުރެ މުހާތަބު ކުރެވެމުން އަންނަ "ބިސް ހޮޅުދޫ" އަކީ މިހާރު އެރަށު މީހުން ވަރަށް ފަހުރުވެރިވާ ލަގަބެކެވެ. ޒަމާންތަކެއް ކުރިން ހޮޅުދޫ މީހަކާއި ދިމާއަށް ތިއީ "ބިސް ހޮޅުދޫ" މީހެކޭ ބުނުމުން އެމީހުން ކިތަންމެ ރުޅި އައިނަމަވެސް މިހާރު އެފަދަ ކޮންމެ ޖުމުލައަކަށް ހޮޅުދޫގެ ކުދިބޮޑު އެންމެން ފަހުރުވެރިވެއެވެ.

ބުނެވޭ ގޮތުގައި ފުރަތަމަ މިރަށަށް ކިޔައި އުޅުނީ "ކުނި ބިސް ހޮޅުދޫ" އެވެ. "ކުނި ބިސް ހޮޅުދޫ" ކިޔުނު ގޮތަކީ ކުރީ ޒަމާނެއްގައި މިރަށަށް އައި މާލޭގެ ބޭފުޅުންތަކެއް ރަށުގެ އަންހެނުންނާއި ބޭއްވި ގުޅުމެއްގެ ސަބަބުން އެކަމާއި ހިތްހަމަނުޖެހިގެން ބަޔަކު އެމީހުންގެ ގަޔަށް ކުނި ބިސްތަކެއް ޖެހުމުންނެވެ. "ބިސް ހޮޅުދޫ" ކިޔުނު އެހެން ގޮތެއް ކަމަށް ބުނެ އުޅެނީ ރަދުން މިރަށަށް ކުރެއްވި ޒިޔާރަތެއްގައި މިރަށު ރައްޔިތުން ބިސް މަލާފަތެއް ރަދުންނަށް ދެއްވުމުންނެވެ. ރަދުން ވިދާޅުވިކަމަށް ތުންތުންމަތިން ދެކެވޭ ވާހަކައިގައި ބުނާ ގޮތުން ބިސް މަލާފަތް ރަދުންނަށް އެރުވުމުން ރަދުން ވިދާޅުވީ "މިއީ ބިސް ހޮޅުދޫ" އެވެ.

މިރަށަށް ބިސް ހޮޅުދޫ ކިޔުނު އިތުރު ގޮތެއް ކަމަށް ރަށުގެ ބައެއް މީހުން ބުނަނީ ރަށް އޮންނަ ބައްޓަމަށް ބަލާއިރު ކުކުޅު ބިހަކާއި ރަށް ވައްތަރު ވުމެވެ. ރަށުގެ ބަނދަރު ހެދުމާއި ހަމައަށް ރަށުގެ ބައްޓަން އޮންނަނީ ބިހެއްގެ ސިފައިގައި ކަމަށް ރަށުގެ އެންމެން ވެސް އިއްތިފާގުވެއެވެ. އެހެންކަމުން ބިސް ހޮޅުދޫ ކިޔުނު ހަޤީޤީ ސަބަބު ބުނުން މިވަނީ ދަތިކަމަކަށް ވެފައެވެ.

މިއާއެކު އަނެއްކާ ވެސް  ދައްކަން މިއޮތީ ބިހާއި ހޮޅުދޫއާ ގުޅުންހުރި ތަފާތު ވާހަކައެކެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތަކުން އެނގޭ ގޮތުގައި އެއްދުވަސް ވަރެއްގަައި އެރަށު މީހުން ކުކުޅު ބިހަށް ކިޔައި އުޅުނީ "ކުކުޅު އަޅާ އޭތި"އެވެ. މިގޮތަށް ބިހަށް ކިޔުނު ސީދާ ސަބަބެއް ނޭނގުނު ކަމަކު، އެނގޭ ކަމަކީ ބިހާ ހޮޅުދޫއާ ގުޅިފައިވާ މިންވަރެވެ. މިއީ ހިތާއި ހިތުގެ ގުޅެމެކެވެ.

މިރަށުގެ އެންމެ މަޝްހޫރު އެއް ތަނަކީ، 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ”ހޮޅުދޫ މޭނާ ސްކޫލް“ އެވެ. މިއީ، ރާއްޖެއިން 3 ވަނައަށް އެންމެ ގިނަ ދުވަސްވީ ސްކޫލެވެ. ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރުމެވެ. މީގެ އިތުރުން ގެދޮރު އިމާރާތްކުރުމާއި ކޮންޓްރެކްޓް މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް