13 އަހަރުގެ ކުޑަކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގަ ހައްޔަރު ކުރި މީހުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކޮށްފި އެވެ.
އެ ކުއްޖާ މަރާލާފައި އޮއްވަ ފެނިފައިވަނީ އާދިއްތަ ދުވަހު އެއްކުޖާ ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައި ވަނިކޮށް އިއްޔެ ރޭ ދަންވަރު 2:30 ހާއިރު އެވެ. ކުއްޖާ ފެނުނީ މަރާލުމަށް ފަހު ފޮއްޓަކަށް ލައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދަށް އެއްލާލާފައި އޮއްވަ އެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި ނ. ލަންދޫ ބަގީޗާގޭ، އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާނެވެ. މި ދެމީހުންގެ ބަންދުގެ މުއްދަތު ރޭ ވަނީ އިތުރު ކޮށްފައި އެވެ.
މީގެ ކުރިން ވާހަކަ ދެކެވުނީ އެ ދެމީހުން ހައްޔަރު ކުރީ އެ ކުއްޖާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެ ކުއްޖާ ރަހީނު ކުރި މައްސަލައިގަ ކަމަށެވެ. އެކަމަކު ފުލުހުން އެ ކުއްޖާ އާއި ޒިހާންއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނު ކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ހިމެނެ އެވެ.
އެ ކުއްޖާ އާއި ޒިހާން ހައްޔަރުކޮށްފައިވަނީ ހެންވޭރު ދުނބުރިމަގުގައި ހުރި ގެސްޓު ހައުސް އަކުންނެވެ.
އޭގެ ތެރެއިން ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. އަދި ޒިހާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައި އެވެ.
ފުލުހުން ބުނީ13 އަހަރުގެ ކުއްޖާ މަރާލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް