ކައިވެނިކުރުން އަވަސްކުރަން ޖެހޭތަ!؟

ކައިވެންޏަކީ ހަޔާތުގައި ނިންމާނެ ވަރަށް މުހިންމު ނިންމުމެކެވެ، ކައިވެނި ކުރުމަށް ވަކި އުމުރެއް ނެތެވެ. ޝަރުތު ހަމަވާ ނަމަ ކުރަންވީއެވެ. އާންމުކޮށް ކައިވެނި ކުރާތާ 5 އަހަރު ތެރޭގައި ވަރިއާ ހަމައަށް ނުދ...

23 Jun 2021 | 06:23

ކައިވެންޏަކީ ހަޔާތުގައި ނިންމާނެ ވަރަށް މުހިންމު ނިންމުމެކެވެ، ކައިވެނި ކުރުމަށް ވަކި އުމުރެއް ނެތެވެ. ޝަރުތު ހަމަވާ ނަމަ ކުރަންވީއެވެ.

އާންމުކޮށް ކައިވެނި ކުރާތާ 5 އަހަރު ތެރޭގައި ވަރިއާ ހަމައަށް ނުދާނެ ކަމަށް ހޯދުންތަކުން ދައްކަނީ އުމުރުން 28 އަހަރާއި 35 އަހަރާއި ދެމެދުގައި ކައިވެނި ކުރީމައެވެ. ސަބަބަކީ މީހާ އެންމެ ހަރުވެގެން އަންނާނީ އެ އުމުރުގައި ކަމަށް ވާތީއެވެ. މިއީ މެރިއޭޖް އެންޑް ފެމެލީ ތެރަޕިސްޓް ކާރރީ ކްރާވީކްގެ ބަހެވެ،

ދެން އޮތީ ދީނީ ގޮތުން މިކަން އޮތް ގޮތެވެ. އައްޝައިޚް އަޙްމަދު ޚާލިދު ވިދާޅުވާ ގޮތުގައި، ކަންކަން ކުރަން އޮންނަ ވަގުތު ފާއިތުވެ، އެކަމެއް ނުކުރެވުމުން ބޮޑެތި ގެއްލުމާއި ދަތިތަކާ ކުރިމަތިލާން ޖެހިދެއެވެ. އަދި އެކަން ނުކުރެވުމުގެ ސަބަބުން ހިތާމަޔާއި، ހިތްދަތިކަން އުފުލަން ޖެހެނީވެސް އެކަމެއް ކުރަން އޮންނަ ގޮތަށް، ރަނގަޅު ވަގުތުގައި އެކަން ނުކުރެވުމުގެ ސަބަބުންނެވެ. އެހެންކަމުން ކައިވެނި ކުރާ އުމުރަށް އަރާފައި ތިބޭ ޒުވާނުންނަށް އޮތީ ކުޅަދާނަ ވީހާވެސް އަވަހަށް ކައިވެނިކުރުމެވެ. އަދި އެކަމަށް ކުޅަދާނަ ވެގެން ނުވާ މީހާ ކަންތައް ކުރަން ޖެހޭ ގޮތްވެސް ވަނީ އިސްލާމް ދީނުގައިބަޔާން ކުރައްވާފައެވެ. ޙަދީޘްބަސްފުޅެއްގައި އައިސްފައިވެއެވެ.

ޢަބްދު ﷲ ބުން މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައިވީމެވެ. އޭރު ތިމަން ބޭކަލުންނަކީ  ޒުވާން ފުރައިގެ، ނަމަވެސް އަތްމަތި ދަތި ބަޔަކީމެވެ. ފަހެ ރަސޫލާ صلى الله عليه وسلم ތިމަންމެންނާ މުޚާތަބު ކުރައްވާ، ޙަދީޘް ކުރެއްވިއެވެ. “އެންމެހާ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަ ވެގެންވާ މީހުން ކައިވެނި ކުރާހުށިކަމެވެ. ހަމަކަށަވަރުން އެކަމަކީ ލޮލަށް ހުރި ފިނިކަމެކެވެ. އަދި އެކަމަކީ ލަދުވެތި ގުނަވަނަށް ލިއްބައިދޭ، ރައްކާތެރިކަމެކެވެ. އެކަމަށް ކުޅަދާނަ ވެގެން ނުވާމީހާ ރޯދަ ހިފާހުށިކަމެވެ. ހަމަކަށަވަރުން ރޯދައިގައި ރައްކާތެރިކަމެއް ވެއެވެ.

ޝެއިޙްގެ ވާހަކައިން އެނގޭ ގޮތުގައި، ކައިވެނިކުރުން ވަކި އުމުރަކަށް ލަސްކުރުން ނުވަތަ ފަސްކުރުމެއް ނުވެއެވެ. އެކަމަށް ކުޅަދާނަވެގެންވާ ނަމަ މޮޅު ގޮތަކީ އަވަހަށް ކުރުމެވެ. ﷲ އަށް ރިވެތި ގޮތުގައި ވަކީލުކޮށް، ޢިތްފަތްތެރިކަމަށް އަހައްމިޔަތުކަންދީ، އެއިލާހުގެ ފަޟުލުވަންތަ ކަމަށް އެދޭކަމުގައި ވަނީނަމަ އެމީހެއްގެ ކައިވެނި ބާއްޖަވެރި ވެގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް