ކޯވިޑްގެ އާ ވޭރިއަންޓު، ޑެލްޓާ ޕްލަސް ހަލުވިކާމައި އެކު ފެތުރޭތީ އިންޑިއާގެ ބައެއް ސްޓޭޓްތަކަށް އިންޒާރު ދީފި

މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ އާ ވޭރިއަންޓް ޑެލްޓާ ޕްލަސްގެ ނުރައްކާ ބޮޑުވާނެ ކަމަށް ލަފާކޮށް އިންޑިއާގެ ބައެއް ސްޓޭޓްތަކަށް މައި ސަރުކާރުން އިންޒާރު ދީފި އެވެ. އިންޑިއާގެ ހެލްތް ސެކްރެޓަރީ ރާޖޭޝް ...

23 Jun 2021 | 05:55

މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ އާ ވޭރިއަންޓް ޑެލްޓާ ޕްލަސްގެ ނުރައްކާ ބޮޑުވާނެ ކަމަށް ލަފާކޮށް އިންޑިއާގެ ބައެއް ސްޓޭޓްތަކަށް މައި ސަރުކާރުން އިންޒާރު ދީފި އެވެ.

އިންޑިއާގެ ހެލްތް ސެކްރެޓަރީ ރާޖޭޝް ބޫޝަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިންޑިއާގެ ސްޓޭޓްތަކުގެ ތެރެއިން މަހާރާޝްޓްރާ، ކެރެލާ އަދި މަދްޔަ ޕްރަދޭޝްއިން ޑެލްޓާ ޕްލަސް ވޭރިއަންޓް ފެނިފައިވާ ކަމަށެވެ. އަދި އެ ސްޓޭޓްތަކުގައި ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ވީހާވެސް އަވަހަކަށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ބޮޑެތި އެއްވުންތައް ބޭއްވިޔަ ނުދިނުމާއި ގައިދުރު ކަމުގައި އުޅުމަށް ބާރު އެޅުމުގެ އިތުރުން މާސްކު އެޅުމަށް އަންގާފައިވެ އެވެ. އެއީ ޑެލްޓާ ޕްލަސް ވޭރިއަންޓް ފެތުރޭލެއް ހަލުވިކަމުން އިންޑިއާއަށް އޭގެ ނުރައްކާތެރިކަން ބޮޑުވާނެތީ އެވެ.

މިހާތަނަށް އިންޑިއާއިން އަދި ފެނިފައިވަނީ ޑެލްޓާ ޕްލަސްގެ މަދު ކޭސްތަކެކެވެ. އެގޮތުން އިއްޔެގެ ނިޔަލަށް އިންޑިއާއިން 40 މީހަކަށް މި ވޭރިއަންޓް ޖެހިފައިވާއިރު އޭގެ ތެރެއިން 20 މީހުންނަކީ މަހާރާޝްޓްރާއަށް ނިސްބަތްވާ ކޭސްތަކެވެ.

އެ ވޭރިއަންޓު ފެތުރުން އިންޑިއާގައި އަދި ކޮންޓްރޯލް ނަމަވެސް އެ ވޭރިއަންޓުން ސަލާމަތް ވެވޭނެ ގޮތަކާއި މެދު އިންޑިއާ ސަރުކާރުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ވޭރިއަންޓް ޖެހިފައި ހުރި މީހެއް ކައިރިން މާސްކު ނާޅައި ހިނގާލިޔަސް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ. އަދި މިއީ މި ވޭރިއެންޓު ދަތުރު ކުރާ މިންވަރު އަވަސްކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް މި ވޭރިއަންޓު ފެނިފައިވަނީ އިންޑިއާގެ އިތުރުން، ޗައިނާ، އެމެރިކާ، އިނގިރޭސިވިލާތް، ރަޝިއާ، ޕޮލޭންޑު، ޕޯޗުގަލް، ސްވިޒަލޭންޑް އަދި ޖަޕާނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް