ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ކާފިއު ހިންގާފައި އޮތް ވަގުތު އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި ޚަބަރު އިވި ހަމަ ގައިމުވެސް އަޅުގަނޑަށް ވަރަށް އަސަރުރުކުރިއެވެ.
އެ ޚަބަރު އެހީ ނުހަނު ހިތާމަޔާއި ފުން އަސަރާއެކީއެވެ. ގަބޫލުކުރަން ދަތިވި އެވެ. ސުވާލު އުފެދުނެވެ، ޚުދު އަޅުގަނޑުގެ އެއްބަނޑުއެއްބަފާ ކޮއްކޮއަށް މިއަދު މި ތަނުގައި ރައްކާތެރިކަމެއް އޮތް މިންވަރާ މެދުއެވެ. ކުޑަކުއްޖަކަށް ވެސް މި ތަނުގައި ރައްކަލެއް ނެތީ ހެއްޔެވެ؟
ހުޅުމާލޭގައި އަލަށް އާބާދުވާ ސަރަހައްދުގެ މޫދުގައި ފޮއްޓަކަށް ލައިފައި އޮއްވާ ފެނުނީ ދިވެހި ދަރިއެއްގެ ފުރާނަ ނެތް މަސްގަނޑެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރު ހުރި ނަމަވެސް އެހާ އަނިޔާވެރިކޮށް ކުއްޖެއްގެ ފުރާނަ ދުއްވާލަން ނުކެރުނީހެވެ.
ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގެ ހަތްދިހަ ވަނަ އާޔަތުގައި ﷲ ތަޢާލާ އަންގަވައިފައި ވަނީ އާދަމުގެ ދަރީން ކަރާމާތްތެރި ކުރައްވައި މާތް ކުރެއްވި ކަމަށެވެ. އީ އާދަމުގެ ދަރީންގެ ތެރެއިން އެކަކު ވެސް އިސްތިސްނާ ވުމެއް ނެތި އެންމެނަށް ދެއްވެވުނު ހައިސިއްޔަތެކެވެ. ކޮންމެ ދީނެއްގެ އަދި ކޮންމެ މިއްލަތެއްގެ މީހަކަށް ވެސް ދެއްވެވުނު ހައިސިއްޔަތެކެވެ. އެއީ ﷲ ތަޢާލާގެ ތަނަވަސް ވެގެން ވާ މަތިވެރި ރަހުމަތްޕުޅުގެ އެންމެ ވަރުގަދަ އެއް ތައުބީރެވެ.
އިންސާނާއަށް ދެއްވެވުނު މި ދަންނަވާ ކަރާމާތާއި މާތްކަމުގެ ހަތަރު އަސާސްތަކެއް ވެއެވެ. އޭގެ ތެރެއިން އެއް އަސާސަކީ ސީދާ ﷲ ތަޢާލާގެ ޔަދުގުދުރަތްޕުޅުން އިންސާނާ ސޫރަ ކުރެއްވިކަމެވެ. އެކަލާނގެ ރޫހުފުޅު ފުމެލައްވައިގެން އެ ރޫހުފުޅުގެ ބަރަކާތާއި ބާރުން އިންސާނާގައި ފުރާނަ އާއި ރޫހު ލައްވަވައި ދިރުން ދެއްވިކަމެވެ. އަދިއިންސާނާ އަށް ބުއްދި ނުވަތަ އަގުލު ދެއްވިކަމެވެ. މީގެ އިތުރުން އިންސާނާ އަށް ޒަމީރު ދެއްވައި، ޚުދު އޭނާގެ ނަފުސުގައި ހެޔޮނުބައި ވަކި ކޮށް އިދުރާކު ކޮށްގަތުމުގެ އަސާސީ ގާބިލިއްޔަތާއި ބާރު ލެއްވެވި ކަމެވެ. އެހެންކަމުން އެއްވެސް ހާލެއްގައި އިންސާނެއްގެ ފުރާނައާއި ކުޅުމީ ބޮޑު ޖަރީމާއެކެވެ، އެއްވެސް ހައްގަކާއި ނުލައި ދިރިހުރި ފުރާނައެއް ދުއްވާލުމަކީ އެންމެ ބޮޑެތި ފާފަތަކުން އެއް ފާފައެވެ.
ކުއްޖާ އޮތް ފޮށިގަނޑު ނެގީ، ތުހުމަތުކުރެވޭ ދެ މީހުންގެ ހާޒިރުގައި
ރަހީނުކޮށް ދެކުނުގެ ރަށަކަށް އުފަން އުމުރުން 13 އަހަރުގެ ކުއްޖާ މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އަދިއްތަ ދުވަހު އެވެ. އެކުއްޖާ މަރާލާފައި އޮއްވަ ފެނިފައިވަނީ އިއްޔެ ރޭ ދަންވަރު 2:30 ހާއިރު އެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު ކިޔައިދިން ގޮތުގައި ކަރުގައި ވަށް އެއްޗެއް ބައްދާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ މަރާލީ ކަރުގައި އެއްޗެއް ބައްދައި ނޭވާ ހާސްކޮށްގެނެވެ.
ފުލުހުން ހައްޔަރުކުރި ދެމީހުން ފެނިފައި ވަނީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއަކުންނެވެ. އެ ގެސްޓު ހައުސްގެ ކޮޓަރިއަކުން އެދެމީހުން ހައްޔަރު ކުރިއިރު އެ ކޮޓަރީ އެނދު ކައިރިން ލޭ ފެނިފައިވާ ކަމަށްވެއެވެ. އަދި އެ ކޮޓަރި ތެރެއިން ކަރުދާސް ކޮތަޅުގައި އެއްޗެހިތަކެއް ފުލުހުން ގެންދިޔަ ކަމަށްވެއެވެ. މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. "ދުވަސް" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއިފްގެ ހަށިގަނޑު އޮތް ފޮށިގަނޑު ފުލުހުން ނެގީ މި ދެ މީހުންގެ ހާޒިރުގައެވެ.
"ދުވަސް"އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އެކަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، އެވެ. އަދި ހައްޔަރު ކުރި 18 އަހަރުން ދަށުގެ ކުއްޖާގެ ވަނަވަރު ވެސް މި ނޫހަށް ވަނީ އެނގިފައެެވެ. ނަމަވެސް، ގާނޫނީ ގޮތުން ކުޑަ ކުއްޖަކަށް ވާތީ އޭނާގެ މަޢުލޫމާތު މި ލިޔުމުގައި ނުހިމެނުމަށް ނިންމީއެވެ.
ކުއްޖާ ގެއްލިގެން އާންމުންގެ އެހީއަށް އެދިފައި ނުވާތީ ސުވާލު އުފެދޭ
ކުއްޖާ ގެއްލިގެން ރިޕޯޓްކުރުމުން އެ ކުއްޖާ ހޯދުމަށް އާންމުންގެ އެހީއަށް ނޭދި އޮތީ ކީއްވެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެ ގޮތުން، ކުއްޖާ ހޯދަން ފުލުހުން ކުރިން އާއްމުންގެ އެހީއަށް ނޭދި އޮތުމުން ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ވަނީ ސުވާލު އުފައްދާފައެވެ. ފުލުހުން ބުނެފައި ވަނީ ރަހީނު ކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނީ އާދީއްތަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެކުއްޖާ މަރާލާފައި ވަނީ ރަހީނުކޮށްގެން ގެންގުޅުމަށް ފަހުއެވެ.
ޝިޔާމް ފުލުހުންގެ ކިބައިން ސާފުކުރަން އެދިވަޑައިގެން ކުރެއްވި ސުވާލަކީ އާދީއްތަ ދުވަހުން ފެށިގެން ކުއްޖާ ހޯދާކަން އާއްމުންނަށް ނޭންގީ ކީއްވެހެއްޔެވެ؟ އޭގެ އިތުރުން މިވެށީގައި ރައްކާތެރިކަން އޮތީ ކާކަށްތޯ ވެސް ޝިޔާމް ސުވާލު ކުރެއްވިއެވެ. އާއްމުގޮތެއްގައި ގެއްލޭ ކުދިންނާއި މީހުން ހޯދަން ފުލުހުން އާއްމުކޮށް އިއުލާން ކުރެއެވެ. ނަމަވެސް ރޭ މަރާލާފައި އޮއްވާ ފެނުނު ކުއްޖާ ހޯދަން ފުލުހުން އިއުލާން ނުކުރި ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު ކުއްޖާ ގެއްލިގެން އުޅުނެވެ. އެއިން އެއްވެސް ފަހަރަކު ކުއްޖާ ހޯދުމަށް އާންމުންގެ އެހީއަށް އެދިފައި ނުވެއެވެ.
ފުލުހުން ބުނީ އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާއްމުން ނޫޅޭ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ހޯދަމުން ދިޔަ ހޯދުންތަކުގެ ތެރޭގައި ކަމަށެވެ.
މަރާލި ކުއްޖާއަކީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންއައި ކުއްޖެއް
ރަހީނު ކުރުމަށް ފަހު މަރާލި އުމުރުން 13 އަހަރުގެ ކުއްޖާއަކީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދެމުންއައި ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ ޖެންޑާ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ފާތުމަތު ޔުމްނާ ވިދާޅުވީ، އެ ކުއްޖާގެ އާއިލާއަކީ، އެ މިނިސްޓްރީއާއެކު އެ ކުއްޖާއަށް ބޭނުންވާ އެހީތެެރިކަން ހޯދުމަށް ގާތުން މަސައްކަތް ކުރަމުންދިޔަ އާއިލާއެއް ކަމަށެވެ. އަދި މި ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެ ކުއްޖާގެ މަންމައާ ގުޅިގެން ކުއްޖާއަށް ބޭނުންވާ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ޔުމްނާ ފާހަގަކުރެއްވިއެވެ.
އިހުމާލެއް، މުޅި މުޖުތަމައުގެ އިހުމާލެއް
ކުޑަ ކުއްޖަކު މަރާލަން ޖެހިލުން ނުވާ ބަޔަކަު މި ތަނުގައި ތިބުމަކީ މިއަދު ލަދުވެތިވާން ޖެހޭ ކަމެކެވެ. ދަންނަން ޖެހޭ ހަގީގަތަކީ މި ހުރިހާ ކަމެއްގައި ވެސް ވަނީ ބައެއްގެ އިހުމާލެވެ. އާއިލާ އާއި މުވައްސަސާތަކުގެ އިހުމާލެވެ. ޖުމުލަކޮށް ބުނާ ނަމަ މުޅި މުޖުތަމަޢުގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް