އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގަށް ގެންނަ ހެޔޮ ބަދަލާއި އެކު އާ ޓެލެކޮލް އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތް މިވަގުތައް ހުއްޓާލާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.
ކޭމްއިން މިހެން ބުނީ ސިސްޓަމް އިންޖިނިއާ އަދި ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ އަހްމަދު މުހައްމަދު ދީދީ، މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި، މުވާސަލާތީ ހިދުމަތާ ގުޅޭ ސުވާލުތަކަކަށް ދިން ޖަވާބުގައި އެވެ.
ކޭމްއިން ބުނީ އިތުރު ކުންފުންޏެއް ހިދުމަތުގެ ވާދަވެރިކަމުގެ ތެރެއަށް ކުރިޔަށް އޮތް ފަސް އަހަރު ނުގެންނާނީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް މުވާސަލާތީ ކުންފުނިތަކާ އެކު މަޝްވަރާކުރުމަށް ފަހު ދެ ފަރާތުން އެއްބަސްވި ގޮތަށް ސަރުކާރުން ބޭނުންވާ ގޮތަށް އަގާއި ފެންވަރު ދަމަހައްޓާ ނަމަ ކަމަށެވެ. އަދި އިންޓަނެޓް އަގު ހެޔޮ ކުރުމަށް ފަހު ތިން އަހަރު ފަހުން އަގުތަކާއި ފެންވަރު ރިވިއުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޭމް އިން ބުނި ގޮތުގައި މިގޮތަށް އޮތް ކަމުގައި ވިޔަސް ސެޓެލައިޓް އިންޓަނެޓް ފަދަ އާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އާ ސާވިސް ޕްރޮވައިޑާ އަކު ހިދުމަތް ދިނުމަކަށް ހުރަހެއް ނޯންނާނެ އެވެ. އެގޮތުން މިހާރު ދުނިޔޭގައި މަގުބޫލުކަން ހޯދަމުން އަންނަ ސެޓެލައިޓް އިންޓަނެޓް ހިދުމަތް ކަމަށްވާ ސްޓާލިންކްގެ ހިދުމަތަށް ރާއްޖޭގައި ހުއްދަ ދޭނެކަމަށް އޭނާއަށް ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް، އެ ހިދުމަތް ދޭ ފަރާތްތަކާއި އައިޓީ ދާއިރާގެ މީހުންނާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށްވެސް ބުންޏެވެ. އެކަމަކު އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކޮށް ހިދުމަތަށް ބަދަލު ގެންނަން ކުންފުނިތަކުން ނިންމީ ސަރުކާރު ނުވަތަ ކޭމްއާ އެކު އެއްބަސްވުމެއް ހަދައިގެން ނޫން ކަމަށް ކޭމް އިން ބުނެފައިވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އިތުރު ޓެލެކޮމް އޮޕަރޭޓަކަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަުންދާ ކަން ހާމަ ކުރި އެވެ. އެއީ އިންޑިއާގެ ރިލަޔަނަސް މޮބައިލްއެވެ.
އިންޓަނެޓުގެ ހެޔޮ އަގުތައް ސަރުކާރުން އިއުލާނު ކުރީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.
އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ދެ ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް، ހިދުމަތަށް ބަދަލު ގެނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް