ރަވީ އާއި މުއާގެ ގުޅުން އަލުން ބަދަހިވީ މައިދައިތަ ކެއުމެއް ދިން ފަހުން

ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު 'ޔާރާ' އާއިލާއަކީ އަބަދުވެސް އެ އާއިލާގެ ފަންނާނުންގެ ވާހަކަ ބެލުންތެރިން ދައްކާ އާއިލާއެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އާއިލާގެ ހުރިހާ އެންމެންނަކީ ވެސް ބެލުންތ...

23 Jun 2021 | 04:35

ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު 'ޔާރާ' އާއިލާއަކީ އަބަދުވެސް އެ އާއިލާގެ ފަންނާނުންގެ ވާހަކަ ބެލުންތެރިން ދައްކާ އާއިލާއެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އާއިލާގެ ހުރިހާ އެންމެންނަކީ ވެސް ބެލުންތެރިން ދަންނަ، ފަރިތަ މޫނުތަކެކެވެ.

ބައިސްކޯފުން ގެނެސްދޭ 'ޑްރާފްޓްސް" ގައިި މަޝްހޫރު ފިލްމީ ދެތަރިން ކަމުގައިވާ ރަވީ ފާރޫޤްއާއި އަބްދުﷲ މުއާޒް ބައިވެރި، ދެކެވުނު ވާހަކައިގެ ތެރެއިން، އެދެމީހުންގެ އާއިލާއާ ގުޅޭ ވަރަށް ގިނަ ވާހަކަަތައް ދެއްކި އެވެ.

އެންމެ ކުދިންވެސް ދަންނަ، ރަހުމަތްތެރި ރަވީއާއި މުއާ އެއަށްވުރެ ބޮޑަށް ގާތްކޮށްދިނީ ރިޝްމީ އާއި ރަވީ އަދި މުއާ އާއި އައްޒަ ކައިވެނި ކުރި ހިސާބުންނެވެ.

ނަމަވެސް ބެލުންވެރިންނަށް ނޭނގޭ ނުވަތަ ސާފު ނުވެ އޮތް ކަމަކީ އެ ދެމީހުންގެ މެދުގައި އެއް ދުވަސްވަރެއްގައި މައްސަލަ ޖެހި، އެކަކު އަނެކަކާ އެކުގައި އުޅެން ބޭނުން ނުވި ދުވަސްވަރެއް ދިޔަކަމެވެ.

"2013 ނުވަތަ2014 ހާތާނގައި ޖެހުނު ކުންޏެއް ޖެހުނީ. އަސްލު ހަގީގަތުގަ ކޮބައިކަމެއް ވެސް ނޭނގެ ޖެހުނު ކުންޏަކީ" ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ދުރުދުރުން ކިޔައިދެމުން ރަވީ ބުނެފައި ވެއެވެ.

ރަވީ ބުނި ގޮތުގައި، އޭރު އެ މައްސަލަ ހައްލުކޮށް ވާހަކަ ދައްކަން ދެމީހުންވެސް ނޫޅޭ ކަމަށެވެ. އެގޮތަށް ދެމީހުންވެސް ދެ ދުރުމިން ދީފައި ތިބުމަށްފަހު، އެއް އާއިލާއެއްގެ ދެ މީހުނާ ކައިވެނި ކުރެވުމުން ކަންކަން މަޑުމަޑުން ބަދަލުވާން ފެށި ކަމަށެވެ.

އެ ވާހަކައިގެ ތެރެއިން، ރަވީއާއި މުއާގެ ގުޅުން އަލުން ބަދަހިވީ މައިދައިތަ ކެއުމެއް ދިން ފަހުންކަމަށް ރަވީ ބުނެފައި ވެއެވެ. އަދި މިހާރު ހުރިހާކަމެއް ވެސް ރަނގަޅު ކަމަށާއި، މިހާރު 'ބޮޑުވެއްޖެ' ކަމަށް ރަވީ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް