ކުޑަ ކުއްޖާ މަރާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން އަވަސް ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ގޮވާލައިފިއެވެ.
އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުއްޖާގެ ޢާއިލާއަށް ނަފްސާނީގޮތުން ކުރިމަތިވަމުން އަންނަ އުނދަގޫތަކަށް ފަރުވާދިނުން އަވަސް ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
މި އަނިޔާވެރި އަދި ލާއިންސާނީ އަމަލު ހިންގި ފަރާތްތަކުން، މި ޢަމަލު ހިންގާފައިވާ ސަބަބާއި އެ ކުއްޖާ ގެއްލިގެން ރިޕޯޓްކުރުމާއެކު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މިހުންމުކަމެއް ކަމަށް ޤަބޫލުކުރާކަމުގައި އިދިކޮޅު ކޯލިޝަނުގެ ނޫސްބަޔާނުގައި ވެއެވެ.
އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކުރެވިފައިވާ ޒިންމާއެއް ކަމަށް ވީހިނދު، ޤައުމުގައި ހިނގާ މިފަދަ ބިރުވެރި ލާއިންސާނީ ޢަމަލުތައް ހިނގުމަށް މެދުވެރިވަމުން މިދަނީ ދައުލަތުގެ އެންމެ އިސް ވެރިޔާ އާއި ހިސާބުން ފެށިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުން އުފުލަން ޖެހޭ ޒިންމާތަކަށް އިހުމާލުވެ، ފަރުވާ ކުޑަ ކުރެވޭތީ ކަމުގައިޗއެ ކޯލިޝަނުން ދެކޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާއާއި، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ޒިންމާ އިން ރެކުމަށް އިތުރު ބަހަނާތައް ދެއްކުމެއް ނެތި، މިފަދަ ކަންކަމަށް ދެވޭ ސަމާލުކަން އިތުރުކޮށް، މި އަނިޔާވެރި ޢަމަލު ހިންގުމުގައި ބައިވެރިވި އެންމެން ހޯދާ އެ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލާ ކަމަށާއި، މިޢަމަލުގެ ފަހަތުގައި ވާ ހުރިހާ ކަމެއްގެ ޙަޤީޤަތް ހޯދާ، ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް ގޮވާލާ ކަމަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް