ރަހުމު ކުޑަ ގޮތަކަށް 13 އަހަރުގެ ކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި ބަންދު ކުރުމަށްފަހު، މާލެ ސިޓގައި ހިމެނޭ ހުޅާމާލޭ ފޭސް2 ގެ އިރުމަތީ ފަރާތުން މޫދަށް އެއްލާލާފައި ވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ނެރުނު ނޫސްބަޔާނުގައ ވަނީ، މާލެ ސިޓީގައި ދިރިއުޅޭ ކުޑަ ކުއްޖަކު މިފަދަ އަނިޔާވެރި ގޮތަކަށް މަރާލާފައި ވާތީ، މިކަމަކީ މާލެ ސިޓީ ކައުންސިލް އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ.
މަރްހޫމް މި ކުޑަކުއްޖާ ރަހީނުކުރުމަށްފަހު ރަހުމު ކުޑަ ގޮތަކަށް މަރާލާފައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނުތާ 24 ގަޑިއިރަށްވުރެ ގިނައިރު ފާއިތުވެގެން ދާއިރު، މިހާތަނަށް މި މަރާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައި ވީ ނަމަވެސް، މިކަމުގައި ޝާމިލްވާ އެހެން މީހުންތައް ހައްޔަރު ކޮށްފައި ނުވާކަމަށް ޚަބަރުތަކުން އެނގޭކަމުގައި އެ ކައުންސިލުން ބުނެއެވެ.
އެހެންކަމުން މިކަމުގައި ޝާމިލުވާ މީހުން ހޯދުން ލަސްވުމަކީ މާލެ ސިޓީގައި ދިރިއުޅޭ އާއްމު ރައްޔިތުން ވަރަށް ބޮޑަށް ބިރުވެރިކަމެއް އިހުސާސްކުރަން ޖެހޭ ކަމެއްކަން ފާހަގަކޮށް އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އަދި މާލެ ސިޓީގައި ހިނގާ މިފަދަ މާރާމާރީތައް ހުއްޓުވައި، މާލެ ސިޓީގެ ރައްޔިތުންގެ ރައްކާތެރ ކަމާއި ސުލްހަމަސަލަސްކަން ދެމެހެއްްޓުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް ދަައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މާލެސިޓީ ކައުންސިލުން އިލްތިމާސް ކޮށްފައި ވެއެވެ.
މި މައްސަލައިގައި ޝާމިލުވާ ފަރާތްތައް ހޯދައި، އަވަސް މުސްތަގުބަލެއްގައި އެ ފަރަތާތްތައް ޝަރީޢަތުގެ މަޖިލީހަށް ހާޟިރުކޮށް އެކަށީގެންވާ ހައްޤު އަދަބު ދިނުމަށް ވެސް ގޮވާލާފައި ވެއެވެ.
އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޑިޖިޓަލް މާލެ މަޝްރޫޢު އިފްތިތާހުކޮަށް، މާލެ ސިޓީގައި ކެމެރާ ހަރުކޮށް ބެލެހެއްޓޭނެ ނިޒާމު ވަރަށް އަވަހަށް ޤާއިމު ކުރާނެ ކަމަށް މާލެ ސިޓީކައުންސިލުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް