13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާއަށް ރައިޒް އަޕް މޫވްމެންޓުން ގޮވާލައިފި

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާއަށް ރައިޒް އަޕް މޫވްމެންޓުން ގޮވާލައިފިއެވެ. ޖޫން 22 ވަނަ ދުވަހުގެ ހެނދުނު، 13 އަހަރުގެ ކުޑަ ކުއްޖަކު ރަހީނުކޮށް، ރަހުމްކުޑަގޮތަ...

22 Jun 2021 | 19:25

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ޖެންޑާ މިނިސްޓަރުގެ އިސްތިއުފާއަށް ރައިޒް އަޕް މޫވްމެންޓުން ގޮވާލައިފިއެވެ.

ޖޫން 22 ވަނަ ދުވަހުގެ ހެނދުނު، 13 އަހަރުގެ ކުޑަ ކުއްޖަކު ރަހީނުކޮށް، ރަހުމްކުޑަގޮތަކަށް މަރާލެވިފައިވާ މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް، މި ހާދިސާއާ ގުޅިގެން ރައިޒް އަޕް މޫވްމެންޓުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

އަދި މިމައްސަލައިގަ އިންސާފު ހޯދައިދިނުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަކަށް ގޮވާލާ، މިމައްސަލައިގެ އިތުރުންވެސް ކުޑަކުދިންނަށް އިހުމާލުވާކަމުގެ ގިނަ މައްސަލަތަކެއް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ބެލި އެގަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަން ރައިޒް އަޕް އިން ފާހަގަ ކޮށްފައި ވެއެވެ.

" އެގޮތުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ 7 މުވައްޒަފަކު އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވުމުން، މުސާރަ ހިނގާ ގޮތަށް 30 ދުވަހުގެ ސަސްޕެންޝަނެއް ކޮށް މި 7 މުވައްޒަފުން ގޭގައި މަޑުކުރުމަށް އެންގުމަކީ، ޖެންޑަރ މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅެއް އެޅުން ކަމުގައި އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ." ރައިޒް އަޕްގެ ނޫސްބަޔާނުގައި ވެއެވެ.

މީގެ އިތުރުން ހިލޭފިރިހެނަކު ވިލިމާލޭ ކުޑަކުދިން ހިޔާގައި ދިރިއެޅޭ ކުޑަ ކުއްޖަކު ގުރޫމްކޮށް، ކޮޓަރިއަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ އިރު، މިކަން ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނަށް ދުރާލައި އެނގިތިބެ އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަމަށް ރައިޒް އަޕް އިން ތުހުމަތު ކުރެއެވެ.

މިފަދަ ކަންކަން ހުއްޓުވައި އިޖްތިމާއި މައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކެއް ގުޅިގެން  މައްސަލަ ބެލުމުގެ ނިޒާމް ހަރުދަނާ ކުރަންޖެހޭކަން ފާހަގަކޮށް މިކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ފެށުމަށް ވެސް ގޮވާލާފައި ވެއެވެ.

" މިނިސްޓްރީ އޮފް ޖެންޑަރ ހިންގުމާ ހަވާލްވެ ހުންނެވި އަލްފާޞިލާ އައިޝަތު މުހަމައްދު ދީދީ، މަޤާމާ ހަވާލުވުމުގެ ފަހުންވެސް މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކުގައި އެކަށީގެންވާ ތަހްޤީޤުތަކެއް ނުކޮށް، އަޅަންޖެހޭ އެންމެ އެދެވޭ ފިޔަވަޅުތައް ނާޅާކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަމެވެ." 13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ރައިޒް އަޕް އިން ނެރުނު ނޫސްބަޔާނުގައި ވެއެވެ.

ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާ އަދި އިޖްތިމާއީ މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާ މިދަނޑިވަޅުގައިވެސް މަޤާމުގެ މައްސޫލިއްޔަތު އަދާނުކުރައްވާ މައްސަލަތަކުން ދިފާއުވުމަށް، މިނިސްޓަރު އައިޝަތު ދީދީ މަސައްކަތްކުރައްވާ ކަމުގައި ދެކޭ ކަމަށާއި އަދި މަޤާމުގެ މައްސޫލިއްޔަތު އަދާ ނުކެރެވޭ ކަމުގައި ވާނަމަ މަޤާމުން އިސްތިއުފާ ދިނުމަކީ މިހާލަތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭކަމަށް ރައިޒް އަޕް މޫވްމެންޓުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް