މިއަހަރުގެ ރަމްޟާންމަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި 24 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ރެކޯޑްސްތަކުން ދައްކައިފިއެވެ.
ފުލުހުން ބުނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ހިނގާފައިވާކަމަށް ރެކޯޑް ކުރެވިފައިވާ 24 އެކްސިޑެންޓް އޮތްނަމަވެސް މީގެތެރެއިން ގިން އެކްސިޑެންޓް ތަކަކީ މީހުންނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެކްސިޑެންޓްތަކެއްނޫން ކަމަށެވެ. މީގެ ތެރެއިން އައްޑޫ ސިޓީގައި ހިނގާފައިވާ ދެ އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އޭގެތެރެއިން އެކެއްގެ ޙާލު ސީރިއަސްވުމާއެކު އައްޑޫސިޓީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 24 އެކްސިޑެންޓް ރެކޯޑް ކުރެވިފައިވާއިރު މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ފުލުހުން ދަނީ ތަފާތު އޮޕަރޭޝަންތައް ހިންގަމުން ކަމަށާއި ވަކިން ޚާއްޞަކޮށް އެއްގަމު ދަތުރުފަތުރުގެ ކާރޫބާރު ބޮޑު މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުއްޓާއި ލ. އަތޮޅުފަދަ ސަރަޙައްދުތަކުގައިވެސް އެކްސިޑެންޓްތައް މަދުކޮށް މީހުންނަށާ ތަކެއްޗަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފުލުހުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީގެ ކުރެވޭ މަސައްކަތުގެ ދަށުން މާލޭގެ މަގުތަކުގައި ޓްރެފިކް ފުލުހުން އަވަދިނެތި ޙަރަކާތްތެރިވެ މަގުމަތި ތަރުތީބު ކުރުމުގެ މަސައްކަތުގައި ދަނީ ރެޔާ ދުވާލު ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް