ރައީސް ކަމާއި ނައިބުރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ވެރިކަންކުރާ ކޯލީޝަންގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލްކޮށްފި އެވެ.
އެ އިސްލާހަށް ބަހުސްކުރުމަށް މާދަމައަށް ތާވަލުކޮށްފައިވާއިރު ބަހުސް މަރުހަލާ ނިންމުމަށްފަހު ގޮތެއް ފާސްކުރުމާމެދު ވޯޓަށް އެހުންވެސް މާދަމާ ބާއްވާނެ ކަމަށް ބެލެވެ އެވެ.
މާދަމާ ބަހުސް ކުރުމަށް ނިންމާފައިވަނީ މިހާރު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައިވާ ރިޕޯޓަށެވެ. ކޮމިޓީން އެ އިސްލާހު ފާސްކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ. މެމްބަރު ހުށަހެޅި އިސްލާހުގައި ވަނީ ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރުގެ 30 އަހަރާއި 65 އަހަރާ ދެމެދަށް ހަމަޖެއްސުމަށެވެ. މި އިސްލާހު ފާސްވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ ބައިގެ ވޯޓު ލިބިގެންނެވެ.
އެ އަދަދު އެމްޑީއޭ އަދި ޕީޕީއެމްގެ މެމްބަރުން އެއްކޮށްލުމުން ހަމައެއް ނުވެ އެވެ. އެހެންކަމުން އެ އިސްލާހު ފާސްކުރަން ބޭނުންނަމަ އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ ތާއީދުވެސް މި އިސްލާހު ފާސްކުރުމުގައި ބޭނުންވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް