މީގެ ފަސް އަހަރުކުރިން 2010 ވަނަ އަހަރު ސަލްމާން ޚާން އެކްޓްކޮށްފައިވާ ފިލްމެއް ކަމަށްވާ "ވީރް"ގެ ޕްރޮޑިއުސަރު ސަލްމާން ގޮވައިގެން ކޯޓަށް ދިއުމަށް ނިންމައިފި އެވެ.
ވީރްގެ ޕްރޮޑިއުސަރު ވިޖޭ ގަލާނީ ބުނީ ސަލްމާން ގޮވައިގެން ކޯޓަށް ދާން ނިންމީ އެއްބަސްވުމާ ހިލާފަށް 250 ކަރޯޑް ރުޕީސް އޭނާގެ އަތުން ސަލްމާން ހޯދާފައިވާތީ ކަމަށެވެ.
ގަލާނީ ބުނީ 2010 ވަނަ އަހަރު "ވީރް" ގެ މަސައްކަތް ފެށުމުގެ ކުރިން ސަލްމާން އަށް 10 ކަރޯޑް ރުޕީސް ދިން ކަމަށާއި އަދި ފިލްމު ރަނގަޅަށް ހިނގައިފިނަމަ ލިބޭ ފައިދާއިން މަހަކު 15 ކަރޯޑް ސަލްމާނަށް ދިނުމަށް އެއްބަސްވި ކަމަށެވެ. ނަމަވެސް ފިލްމު ރަނގަޅަށް ނުހިނގާތީ އެ ލާރި ނުދީ ހުއްޓާ އިންޑިއާގެ ފިލްމް އިންޑަސްޓްރީއާ ބެހޭ "އެފްޑަބްލިއުސީއީ" އަށް ސަލްމާން އެ މައްސަލަ ޖައްސައިގެން ނުހައްގުން ފައިސާ ހޯދާފައިވާކަމަށްވެސް ގަލާނީ ބުންޏެވެ.
ގަލާނީ އިތުރަށް ބުނެފައިވަނީ "އެފްޑަބްލިއުސީއީ" ގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ކޯޓުން މިހާރު ކަނޑައަޅާފައިވާކަމަށާއި އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ ސަލްމާން ގޮވައިގެން ކޯޓަށް ދިއުމަށް ކަމަށެވެ.
ސަލްމާން ގޮވައިގެން ކޯޓަށް ދިއުމަށް ގަލާނީ ތައްޔާރުވަމުން އަންނައިރު ރާބޮއެގެން އިނދެ ސަލްމާން ދުއްވި ކާރަކުންޖެހި މީހަކު މަރުވި މައްސަލައިގާ ފަސް އަހަރުގެ ޖަލު ހުކުމެއް މެއި މަހުގެތެރޭގައި މުމްބާއީގެ ކޯޓުން ސަލްމާންގެ މައްޗަށް އިއްވި އެވެ.
ނަމަވެސް އެ މައްސަލަ އިސްތިޢުނާފު ކުރުމާއި އެކު، އިސްތިޢުނާފުގެ މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ސަލްމާން ވަނީ ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް