ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ގާއިމް ކުރަންޖެހޭ ހައިކޯޓުގެ ތިން ގޮފީގެ ތެރެއިން ދެކުނު ގޮތްޕަށް ތިން ފަނޑިޔާރަކު ސްޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނީ ހައިކޯޓުގެ ދެކުނު ގޮތްޕަށް ސުޕުރީމް ކޯޓުން ކަނޑައަޅާފައިވަނީ ހައި ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އައްބާސް ޝަރީފާއި އަޒްމިރަލްދާ ޒާހިރު ކަމަށެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައިކޯޓުގެ ގޮތްޕެއް ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅައި އެސަރަހެއްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އެ ސަރަހައްދެއްގެ ހައިކޯޓު ގޮފީގައި އިސްތިއުނާފު ކުރާގޮތަށް ވަނީ ނިންމާފަ އެވެ.
ހައިކޯޓުގެ ގޮފިތަކުގެ ތެރެއިން ދެކުނު ގޮތްޕަށް ސުޕްރީމް ކޯޓުން ތިން ފަނޑިޔާރަކު އައްޔަންކުރެއްވި ނަމަވެސް އެ ބޭފުޅުން މަސައްކަތް ކުރަންވީ ގޮތެއް އަމަލުކުރަންވީ އުސޫލެއް އަދި އަންގާފައެއް ނުވެ އެވެ. އަދި އެ ގާނޫނުގެ ދަށުން އުތުރުގައި ގާއިމް ކުރާ ހައިކޯޓުގެ ގޮތްޕަށް ފަނޑިޔާރުން ކަނޑައަޅާފައެއްވެސް ނުވެ އެވެ.
ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައިވާ ގޮތުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރަން ޖެހޭ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް