އިންޑިއާއިން އިސްނަގައިގެން ޖޫން 22 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ކަމަށް ނިންމައި، ގިނަ ގައުމުތަކަކާއެކު ކުލަގަދަ ގޮތެއްގައި ޔޯގާ ދުވަސް ފާހަގަކޮށްފައިވާއިރު ޔޯގާއަކީ އެއްވެސް ދީނަކާ ގުޅުންހުރި ކަމެއް ނޫންކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.
އިންޑިއާގައި ކުރިއަށްދިޔަ ޔޯގާ އިވެންޓްގައި ބައިވެރިވުމަށްފަހު މީޑިއާއަށް އިންޓަވިއުދެމުން ޝިލްޕާ ބުނީ ޔޯގާއަކީ ސައިސްސްގެ އުފެއްދުމެއް ކަމަށާއި އެއްވެސް ދީނަކާ ގުޅުންހުރި އަދި ވަކި ބަޔަކަށް ހާއްސަ އެއްޗެއް ނޫން ކަމަށެވެ.
"ޔޯގާއަކީ ދީނަކާ ގުޅުމެއްވާއެއްޗެއްނަމަ އެހާ ގިނަ ގައުމުތަކުން ޔޯގާ ދުވަހުގެ ހަރަކާތުގައި ބައިވެރިނުވާނެ، ޔޯގާއަކީ ވަކި އުމުރަކަށް ހާއްސަ އެއްޗެއް ނޫން، ބޮޑުވަޒީރު މޯދީގެ އިސްނެގުމުގެ މަތިން ބައިނަލްއަގްވާމީ ޔޯގާ ދުވަހެއް ފާހަގަކުރީތީ ބޮޑުވަޒީރަށް ޝުކުރުވެރިވަން" އިންޓަވިއުގައި ޝިލްޕާ ބުނެފައިވެ އެވެ.
ބައިނަލްއަގްވާމީ ޔޯގާދުވަސް ރާއްޖޭގައިވެސް އިއްޔެ ކުލަގަދަ ގޮތެއްގައި ފާހަގަކުރި އެވެ. އިންޑިއަން ހައިކޮމިޝަނުން އިސްނަގައިގެން އިއްޔެ ހެނދުނު ސޯޝަލް ސެންޓަރުގައި ޔޯގާ ސެޝަނެއް ބާއްވާފައިވާއިރު ދިވެހި ފުލުހުންވެސް ވަނީ ޔޯގާ ސެޝަންގައި ބައިވެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް