މޫސުމަށް ރިއާޔަތްކޮށް ކިޔެވުން ފެށޭ ދުވަސް ލަހެއް ނުކުރޭ – ނިންމީ ފުރަތަމަ ތިން ދުވަހު ދަންފަޅިތައް ކުރުކޮށްލަން

މޫސުމަށް ރިއާޔަތްކޮށް ސްކޫލު ދަންފަޅިތައް ކުރުކޮށްލަން އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް އަންގައިފިއެވެ. އެގޮތުން ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް މުހައްމަދު ސޮއި ކުރައްވައި ސްކޫލްތަކަށް ފޮނުވާ...

23 May 2024 | 11:32

މޫސުމަށް ރިއާޔަތްކޮށް ސްކޫލު ދަންފަޅިތައް ކުރުކޮށްލަން އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް އަންގައިފިއެވެ.

އެގޮތުން ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް މުހައްމަދު ސޮއި ކުރައްވައި ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ 2024 ގެ ދިރާސީ އަހަރުގެ ކިޔަވައިދިނުން ފެށުމަށް ހަމަޖެހިފައިވަނީ 26 މެއި 2024 ވާ އާދީއްތަ ދުވަހު ކަމަށާއި ނަމަވެސް މިދުވަސްވަރަކީ، ރާއްޖޭގެ އެކިހިސާބަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ބުރޫއަރާފައިވާ ދުވަސްވަރަކަށްވުމުން، ކުރިމަތިވެފައިމިވާ އުނދަގޫ މޫސުމީ ހާލަތަށް ރިއާޔަތްކޮށް، ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި، މޭ 26، 27 އަދި 28 މި ތިން ދުވަހު ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިޔުމަށް މިނިސްޓްރީން ވަނީ ނިންމާފައި ކަމަށެވެ.

"ވީމާ ކޮންމެ ދަންފަޅިއެއްވެސް ދެ ގަޑިއިރާއި ތިން ގަޑިއިރާއި ދެމެދަށް ފައްތައިގެން ކުރިއަށް ގެންދިޔުމަށް ދަންނަވަމެވެ." އެ ސާކިއުލާގައި ބުނެފައިވެއެވެ.

ސާކިއުލާގައި އިތުރަށް ބުނެފައިވަނީ މިދުވަސްތަކުގައި، ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ މަތިވެރި އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި ހަނގާކުރުމާ ދެކޮޅަށް އަމާޒުކުރެވިގެން ހިންގާ ހާއްސަ ޕްރޮގްރާމްތައް ސްކޫލް ފެންވަރުގައި ރާވާ ހިންގުމަށްވެސް ދަންނަވާކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ މޫސުން އިންތިހާއަށް ގޯސްވުމުގެ ސަބަބުން، މާލޭގައި އަދި ރަށްރަށުގައި ދަތުރު ނުކުރެވި އެތައް ބަޔަކު ތާށިވެފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ޗުއްޓީ ވުމުން ދަރިން ގޮވައިގެން ރަށްރަށަށް ދިޔަ ފަރާތްތަކާއި ރަށް ރަށުން މާލެ އައި ފަރާތްތައް ހިމެނެއެވެ.

މޫސުން ގޯސްވެ ވައިގަދަވެ ކަނޑުތައް ގަދަވުމުން ކަނޑުމަގުން ދަތުރު ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް