ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް މޫސުން ވަރަށް ގޯސް ދުވަހެއްކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު އުތުރާއި މެދުރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރާނެއެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 20 މޭލާއި 30 މޭލައި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް އާންމުގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް މެޓުން ބުނެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތް ފޫޓާއި 10 ފޫޓާއި ދެމެދުގައެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން މިއަދު އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް