އެންވާރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރިއަށް ގެންދާ ތިމާވެއްޓާއި ގުޅުންހުރި ދިރާސާތަކުގެ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ބަންނަ އުޅަނދު "ތިމާވެށި" ގެ މަސައްކަތް ނިމި، ރާއްޖެ ގެނައުމުގެ މަސައްކަތް އީޕީއޭ އިން ފަށައިފިއެވެ.
މިއީ ކަޓަމަރައިން ޑިޒައިނަށް ފައިބަރުން ބަނދެފައިވާ 100 ފޫޓްގެ އުޅަނދެކެވެ.
އެގޮތުން މި އުޅަނދުގެ އަމަލީ މަސައްކަތް ނިމި އިންސްޕެކްޝަން އަދި ސީޓްރައިލް ގެ މަސައްކަތް އީޕީއޭ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ހިމެނޭ ޓީމަކުން ވަނީ އިންޑިޔާގެ ގޯއާގައި ކުރިއަށް ގެންގޮސްފައެވެ.
އަދި އީޕީއޭއިން މިހާރު އަންނަނީ މި އުޅަނދުގައި މަސައްކަތް ކުރާނެ ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެންވާރްމަންޓް މިނިސްޓްރީން ބުނީ މި އުޅަނދު ރާއްޖޭގައި ހަރަކާތްތެރި ވާއިރު މި އުޅަނދުގެ މެއިން ޑެކުގައި 3 މީހުންގެ ޖާގައިގެ 2 ކޮޓަރި ފާހަނަޔާއެކު އަދި ކާތަނެއްގެ އިތުރުން ބަނދިގެއެއް ހިމެނޭނެ ކަމަށާއި މި ޑެކްގައި މަސައްކަތަށް ހާއްސަކުރެވިފައިވާ ޖާގައިގެ އިތުރަށް ވެޓްލެބް, ޑްރައި ލެބް, އަދި ޑައިވިން ކޮމްޕްރެސަރ ރޫމެއްވެސް ހިމެނޭނެ ކަމަށެވެ.
މީގެ އިތުރުން މި އުޅަނދުގެ މަތީ ޑެކްގައި ވީލް ހައުސްގެ އިތުރަށް މާސްޓަރ އަދި އިންޖިނިއަރަށް ހާއްސަ ރޫމަކާއި އިތުރު 4 މީހުންގެ ޖާގައިގެ 3 ކޮޓަރި ހުންނާނެ ކަމަށައި މި އުޅަނދާއެކު އިމަރޖެންސީގައި ބޭނުންކުރުމަށް ހާއްސަ ޑިންގީ އެއްވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި އުޅަނދަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ހަރަދުކޮށްގެން އިންޓަނޭޝަނަލް ބިޑިންގެ އުސޫލުން ބީލަން ކާމިޔާބުކުރި އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ވިޖޭ މެރައިން ޝިޕްޔާޑާއި ހަވާލުކޮށްގެން ބަނދެފައިވާ އުޅަނދެއް ކަމަށް އެންވާރްމަންޓް މިނިސްޓްރީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް