ތިލަމާލޭ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ ވަރު ލަސް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މިހާހިސާބަށް މަސައްކަތް ނިމިފައި އޮންނަން ޖެހޭ ވަރަށް ވުރެ މަސައްކަތް ލަސް ކަމަށެވެ. މިހާތަނަށް ނިމެންޖެހޭ ކަމަށް އެއްބަސްވުމުގައިވާ ހިސާބަށް އަދި މަސައްކަތް ނުނިންމޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސައްކަތް އެދެވޭ ހަލުވި މިނުގައި ނުދިޔަ ނަމަވެސް އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ވިސްނުން ނެތް ކަމަށެވެ.
މިހާރު މަސައްކަތް ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން ވިދާޅުވީ ބުރިޖުގެ ޑެކު ސެކްޝަންތައް ވެސް ގުޅިފަޅުގައި އަންނަނީ ހަދަމުންނެވެ. އަދި ސިނަމާލެ ބްރިޖާ ހިލާފަށް، ތިލަފުށި ބްރިޖުގެ މަސައްކަތް ކުރާނީ ވަގުތީ ޕްލެޓްފޯމެއް އަޅައިގެން ނޫން ކަމަށާއި މިހާރު ޖަހަމުން ދަނީ ބުރިޖު އެޅުމަށް ބޭނުންކުރާ ތަނބުތައް ކަމަށެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު އަންނަ ޖުލައި މަހު ވިލިމާލެ އާއި މާލެ ގުޅާ ލެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އަންނަ އަހަރުގެ ޑިސެމްބަރު މަހަށް މުޅި މަޝްރޫއު ނިމޭނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް