ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގާ ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) ގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
މިއަދު ފުލުހުން ބުނީ ކ. މާލެ / މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (32އ) ގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފައިވާކަމަށެވެ.
މި މަހުގެ އެއްވަނަ ދުވަހު އެމްޕީ ހަސަން ޒަރީރަށް ހަމަލާ ދިން މައްސަލައިގާ ގައްބަރޭ ހޯދަން ފުލުހުން އިއުލާނުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައެވެ. މިއަދު ގައްބަރޭ ހައްޔަރުކުރީ އޭނާ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުންނެވެ.
ގައްބަރޭ ހޯދަން ފުލުހުން އިއުލާނުކުރީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތުގައެވެ.
މި މަހުގެ އެއްވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި އެމްޕީ ޒަރީރަށް ބަޔަކު ހަމަލާ ދީފައިވަނީ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ.
އެމްޕީ ޒަރީރާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ފަސް މީހުންގެ ގްރޫޕަކުން އޭނާއަށް ހަމަލާދިން ސަބަބު އެނގިވަޑައެއް ނުގަންނަވައެވެ.
އެ ގްރޫޕުން އެމްޕީ ޒަރީރަށް ދިން ހަމަލާގައި ލިބިލެއްވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް