ކޮންމެ ކޮންމެ ކޯހަކުން ހިޖާމާ ހުއްދައެއް ނުލިބޭނެކަން ހަނދުމަކޮށްދިނުމުގެ ގޮތުން ހެލްތު މިނިސްޓްރީން އިއުލާނެއް ކޮށްފިއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ހިޖާމާގެ ޚިދުމަތް ދޭންބޭނުންވާ ފަރާތްތައް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް ނިންމާފައިވާކަން އެކައުންސިލުން ވާނީ 17 މާރޗް2019 ގައި(IUL)23-MAHC/23/2019/80 އިއުލާން ކޮށްފައި ކަމަށާއި މިގޮތަށް ރަޖިސްޓްރޭޝަންދިނުމަށް ނިންމާފައިވަނީ އެކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑާއި އެއްގޮތަށް ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް އެ އިއުލާނުގައި ދަންނަވާފައިވާނެ ކަމަށެެވެ.
"ވީމާ، މި ކައުންސިލުގައި ރަޖިސްޓްރީކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ފުރިހަމަކުރައްވާފައިވާ ތަމްރީން ޕްރޮގްރާމަކާ ބެހޭ ތަފްސީލް މަޢުލޫމާތު ހުށަހެޅުއްވުމުން އެޕްރޮގްރާމްގެ ބައިތަކަށާއި ކޮމްޕިޓެންސީތަކަށް ބެލުމަށްފަހު މިކައުންސިލުން ހިޖާމާގެ ޚިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރޭޝަންއާއި ޕްރެކްޓިސްކުރުމުގެ ހުއްދަ ދޫކުރެވޭނެ ވާހަކަ އިއުލާން ކުރީމެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން އެކުލަވާލާފައިވާ ކޮމްޕިޓެންސީ ސްޓޭންޑަޑް މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓް www.health.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށާއި އަދި ރަޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ހެލްތްގެ ވާޗުއަލް ކައުންޓަރ https://counter.health.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެވާހަކަވެސް ދަންނަވާކަމަށެވެ.
ހެލްތުން މިކަން ހަނދުމަކޮށްދީފައިވާއިރު ހިޖާމާ ޖެހުންތެރިޔާ ފަޒީލާ އުސްމާން (ފަޒީ) ހިންގަމުންދިޔަ ފަޒީސް ހިޖާމާ ތެރަޕީ ކްލިނިކް ހެލްތުން އަންގައިގެން ވަނީ ބަންދުކޮށްފައެވެ. އެ ކްލިނިކް ބަންދުކުރީ ހިޖާމާ ޖެހުމުގެ ހުއްދަ ފަޒީ އަތުގައި ނެތުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް