ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޝިޔާމާ މުހައްމަދަށް ނަސޭހަތް ދިނުމާއެކު ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މި ނިންމުން ނިންމާފައިވަނީ އިސް މެޖިސްޓްރޭޓް ޝިޔާމާ މުހައްމަދާއި ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު ސުލޫކީ މައްސަލައެއް ބެލުމަށްފަހުގައެވެ.
އެގޮތުން ޖޭއެސްސީން ބުނެފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލާ ސަބަބެއްގެ ގޮތުގައި އެފަރާތުގެ "ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ" ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައި ވަނީ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކިވެސް ހުއްޓާކަމަށް ކޯޓަށް ފުލުހުން ހުށަހެޅި ލިޔެކިޔުމުގައި ފާހަގަ ކޮށްފައި ވަނިކޮށްކަމަށެވެ.
އަދި އެމައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ސާފުކުރުމެއް ނެތި ޙަޤީޤަތާ ޚިލާފަށްކަން އެނގޭ ކަމާއި، އަދި ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލިކަން ޝަރީޢަތުގެ މަޖިލީހުގައި އިޢުލާނު ކުރިއިރު، އެފަރާތުގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ނެތް ކަމުގެ މައްޗަށް ރިޢާޔަތް ކުރިކަން ފާހަގަކޮށްފައި ނުވާހިނދު، މި ކަމުގައި އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު ޢަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން ތަހުޤީޤަށް ސާބިތުވާކަމަށެވެ.
އެގޮތުން އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދުގެ މި ޢަމަލަކީ ޤާނޫނު ނަންބަރ 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.5 އަދި 3.1 އާ ޚިލާފް ޢަމަލެއްކަމުގައި ވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 1-32 (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުޙައްމަދަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް 2022 އޭޕްރީލް 20 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 28 ވަނަ ޖަލްސާގައި ވަނީ ނިންމާފައިކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް