ބީއެމްއެލް އެޕް މެދުވެރިކޮށް ޑިޖިޓަލް ވޮލެޓުގެ ހިދުމަތް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް ބޭންކިންގ އެޕް ގައި ބީއެމްއެލް ޕޭ ވޮލެޓްގެ ހިދުމަތް މިއަދު ތައާރަފްކޮށްފިއެވެ. މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެ...

23 May 2022 | 06:32

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް ބޭންކިންގ އެޕް ގައި ބީއެމްއެލް ޕޭ ވޮލެޓްގެ ހިދުމަތް މިއަދު ތައާރަފްކޮށްފިއެވެ.

މި އަޕްގްރޭޑާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފަރ ގެ ހިދުމަތް އެޕް މެދުވެރިކޮށް ލިބިގެންދާނެއެވެ.

އަލަށް ތައާރަފް ކުރެވުނު މި ހިދުމަތާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ހަލުވިކަމާއި ރައްކާތެރިކަމާއެކު ޕޭމަންޓް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށާއި އަދި ހަމަ އެކަނި މޯބައިލް ނަންބަރު ބޭނުންކޮށްގެން އާއިލާ އާއި ރަހުމަތްތެރިންނަށް ފައިސާވެސް ފޮނުވޭނެކަމުގައި ބީއެމްއެލްއިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ބޭންކްގެ މޯބައިލް ބޭންކިންގ އެޕަށް އައު ބަދަލުތަކަކާއި އިތުރު ފީޗަރ ތަކާއެކު މިދިޔަ އަހަރު ގެނެވުނު ކަމަށާއި  މިއަދު ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް މޯބައިލް އެޕް ގައި ހިމެނިގެންދިޔުމާއެކު ކަސްޓަމަރުންނަށް މިހާރު އެއް އެޕް މެދުވެރިކޮށް ފައިސާ ދެއްކުމާއި ބޭންކިންގ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ސްކޭން ޓު ޕޭ މެދުވެރިކޮށް ނުވަތަ އެންއެފްސީގެ ހިދުމަތް އެކުލެވޭ ފޯނެއް މެދުވެރިކޮށް ޓެޕް ޓު ޕޭ ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މާރޗަންޓަކަށްވެސް އެޕް މެދުވެރިކޮށް ފައިސާ ފޮނުވޭނެ."ޓިމް ސޯޔަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ގެނެވުނު ބަދަލަތަކާއެކު މޮބައިލް ބޭންކިންގ އެޕް އަކީ ކަސްޓަމަރުން ބޭނުންވާނެ ހަމައެކަނި ވޮލެޓް ކަމަށާއި މުޅި ދުނިޔޭގައިވެސް މޮބައިލް ބޭންކިންގ މެދުވެރިކޮށް ހަދާ ކޮންޓެކްޓްލެސް ޕޭމަންޓްތަކަކީ އެންމެ ރައްކާތެރި އަދި އެންމެ އަވަހަށް ފައިސާގެ މުއާމަލާތްކޮށްލެވޭ ގޮތް ކަމަށެވެ.  މިފަދަ ހިދުމަތެއް ބޭންކުގެ އެޕް މެދުވެރިކޮށް ދެވޭކަމީ ބީއެމްއެލްއަށް ލިބޭ އުފަލެއް ކަަމަށާއި އެ ބޭންކްގެ އަމާޒަކީ ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެ ބޭންކްގެ ކަސްޓަމަރުންނަށް ފުރިހަމަ ބޭންކިންގ ހިދުމަތެއް ދިނުން ކަމުގައިވެސް ވިދާޅުވިއެވެ.

2015 ވަނަ އަހަރު މުޅިން އަލަށް ރާއްޖެއަށް މޯބައިލް ބޭންކިންގ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ކޮންމެތަނަކު ހުރެގެން ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ހިދުމަތް ބޭނުންކުރެއެވެ.


ނޯޓް:

  • ސްކޭން ޓު ޕޭ: ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް "ސްކޭން ޓު ޕޭ" ނެންގެވުމަށްފަހު ނުވަތަ މަރޗަންޓް މެދުވެރިކޮށް ބީއެމްއެލް ކިއުއާރު ސްޓިކަރ ބޭނުންކޮށްގެން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާ ދައްކާލެވޭނެއެވެ.
  • ޓެޕް ޓު ޕޭ: ކަސްޓަމަރުންގެ އެންއެފްސީގެ ހިދުމަތް ހިމެނޭ ފޯން ޕީއޯއެސް މެޝިން ގައި ޖައްސާލުމުން ކާޑާއި ނުލައި ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރައްކާތެރިކަމާއެކު ކަސްޓަމަރުންނަށް ފައިސާދައްކާލެވޭނެއެވެ.
  • މޯބައިލް ކީ-އިން: ޕޭމަންޓެއް ހެދުމުގެ ކުރިން، ކަސްޓަމަރުންނަށް 'މޯބައިލް ކީ-އިން' ނެންގެވުމަށްފަހު ފޯނު ނަންބަރު ޖެހުމުން ފައިސާ ދެއްކުމަށް ރިކުއެކްސްޓެއް ލިބޭނެއެވެ. މި ރިކުއެސްޓް އެޕްރޫވް ކުރުމުން ޕީއޯއެސް ޓަރމިނަލް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް