ރާއްޖޭގެ ހުރިހާ ފިހާރަތަކުގައި ބިހުގެ މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ވިއްކަން ބެހެއްޓުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެ އޮތޯރިޓީއިން މިގޮތަށް އެންގީ މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ އެ އިދާރާއަށް ލިބެމުންދާތީ ނެރުނު ނޫސްބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ބުނީ ކުނިވެފައި ހުންނަ ބިސް ވިއްކުމުގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި ކާތީކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތްކަމަށް އެމްއެފްޑީއިން ބުނެފައި ވެއެވެ.
އެ އިދާރާއިން ބުނީ ފިނި ކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއި އެކު ބެހެއްޓޭނީ ގިނަވެގެން 3 މަހުގެ މުއްދަތަށް ކަމަށެވެ. ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށް ކަމަށާއި މުއްދަތު ހަމަވާ ތާރީހު ހަމަވުމުން ބިސްކުނި ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި މުއްދަތު ހަމަނުވިކަމުގައި ވިޔަސް ހުންނަންޖެހޭ ފިނި ހޫނުމިނަށް ނުބަހައްޓާނަމަ ބިސް ކުނިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް، މުއްދަތު ހަމަވާ ތާރިހު އެނގޭގޮތަށް ބިސް ވިއްކަން ބެހެއްޓުމަށް އެމްއެފްޑީ އިން ވަނީ އަންގާފަ އެވެ.
އެމްއެފްޑީއިން ވަނީ ބިސް ގަންނަ ފަރާތްކުން އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް