ކުރިއަށްއޮތް ދުވަސްތަކުގައި މޫސުން ގޯސްވެދާނެ! ރައްކާތެރިވަމާ!

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެކަމަށް ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން އިރުޝާދުދީފިއެވެ. އެ އޮތޯރިޓީން ބުނެފައި ވަނީ، ހުޅަނގު މޫސު...

23 May 2021 | 13:42

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެކަމަށް ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން އިރުޝާދުދީފިއެވެ.

އެ އޮތޯރިޓީން ބުނެފައި ވަނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ޚާއްޞަކޯށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައި ވެއެވެ.

މިގޮތުން އާއްމުގޮތެއްގައި17 މޭލާ27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމުގައި އެ އިދާރާއިން މައުލޫމާތު ދެއެވެ.

މިގެ އިތުރުންވެސް ރާއްޖެއާއި ދުރުން ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް މި ކޮޅިގަނޑުގެ ބާރު ގަދަވެ، ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއްވައެވެ.

އެ އިދާރާއިން ލަފާކުރަނީ،  މި ކޮޅިގަނޑު ދަތުރުކުރާނީ އުތުރު ހުޅަނގު އުތުރުން ރާއްޖެއާ ދުރަށް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ޢާއްމު ރައްޔިތުންގެ  މުދަލާއި ޢިމާރާތްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.

އެގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

  • ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުން
  • ބޯކޮށް ވާރޭވެހި އުދައިގެ ސަބަބުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅުތައް އެޅުމާއި ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  • ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭނެ ފަދަ އުސްތަނަކަށް ބަދަލު ކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭނެ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލައިލާނެކަމަށް ލަފާކުރެވޭނަމަ ކުރިއާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ބޭނުންކޮށްގެން ގޭގެ ފުރާޅު އެއްލައިނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލައިލާފާނެ ތަކެތި ބަނދެ، ރައްކާތެރިކުރުން
  • ބޭނުން ނުކުރާނަމަ ކަރަންޓު ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
  • ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ފުރިހަމަކަން ޔަޤީންކުރުން ހިމެނެއެވެ.

އެހެންކަމުން މި ކަންކަމަށް ސަމާލުވެ، ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން އިރުޝާދުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް