ދަރުމަވަންތައިގެ ވޯޑުގައި ކޯވިޑަށް ފަރުވާ ހޯދަން ފީދައްކަން ޖެހޭނެ: މާރިޔާ

ދަރުމަވަންތަ ހޮސްޕިޓަލްގެ 16 އަދި 17 ވަނަ ފަންގިފިލާގައި ކޯވިޑަށް ފަރުވާ ދިނުމަށް ހަދާފައިވާ ވޯޑުތަކުގައި ތިބި ފަރާތްތަކުން ފީ ދައްކަން ޖެހޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)...

23 May 2021 | 13:16

ދަރުމަވަންތަ ހޮސްޕިޓަލްގެ 16 އަދި 17 ވަނަ ފަންގިފިލާގައި ކޯވިޑަށް ފަރުވާ ދިނުމަށް ހަދާފައިވާ ވޯޑުތަކުގައި ތިބި ފަރާތްތަކުން ފީ ދައްކަން ޖެހޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ކޯވިޑަށް ފަރުވާ ދެމުން ދަނީ ވަކި ފެންވަރެއްގެ ނުވަތަ ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒު ވަމުންނެވެ.

މިއަދު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުވުމުގައި ހުޅުމާލޭ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ އެތަނަށް ފަރުވާ ދިނުމަށް ގެންދަނީ ވަކި ފަންތިއެއްގެ ވަކި ބައެއް ނޫން ކަމަށެވެ. ދަރުމަވަންތައިގެ ވޯޑުތަކުގައި ފަރުވާ ދެވޭނީ ކޮންބައެއްކަން ކަނޑައަޅަނި އެހެން ފެސިލިތީތަކުގައިވެސް ފަރުވާ ދެވޭ ގޮތް ކަނޑައަޅާ ޑޮކްޓަރުންގެ ޓީމުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް އަމަލު ކުރާނީ ވޯޑުގައި ފަރުވާ ދޭ މީހުންނަށް އެކަނި ކަމަށާއި އައިސީޔޫގައި ފަރުވާ ދިނުމުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހުންނަ އައިސީޔޫއަށް މީހުން ލާނީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫ ފުރުމުން ކަމަށެވެ. އަދި ދަރުމަވަންތައިގެވެސް އައިސީޔޫގައި ފަރުވާ ދިނުމަށް ފީ ދައްކަން ނުޖެހޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އެތަނުގައި ފީ ދައްކަން ޖެހެނީ ފަރުވާ ހޯދަން ވޯޑުގެ ގޮތުގައި ބޭނުން ކުރާ ކޮޓަރި އަށެވެ. އެއީ މީގެ ކުރިން ސަރުކާރުން ވަނީ ކޯވިޑްގެ ހުރިހާ ފަރުވާއެއް ސަރުކާރުން ރައްޔިތުންނަށް ހިލޭ ދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު މިއަދުގެ ބައްދަލުވުމުގައި އެތަނުގައި ފީ ދައްކަން ޖެހެނީ ވަކި ހިދުމަތްތަކަކަށް ކަމެށް މާރިޔާ ވިދާޅެއް ނުވެ އެވެ.

އެޗްއީއޯސީން ބުނީ މިވަގުތު ތަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ނުވަ މީހަކަށް ފަރުވާ ދެމުން ދާއިރު އޭގެ ތެރެއިން ފަސް މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އެ ހޮސްޕިޓަލުގެ 17 ވަނަ ފަންގިވިލާގެ ވޯޑުގައި 16 މީހަކު އެޑްމިޓްކޮށްފައިވާއިރު 16 ވަނަ ފަންގިފިލާގެ ވޯޑުގައި އާއި ޕްރައިވެޓް ވޯޑުގައި ކޮންމެ ތަނެއްގައި ހަތަރު މީހުން އެބަ ތިބި ކަމަށް ބުންޏެވެ.

އެޗްއީއޯސީން މިހެން ބުނި ނަމަވެސް ސަރުކާރުގެ ބައެއް އިސްވެރިންނާއި އާއިލާތަކުގެ ބޭފުޅުން ކޯވިޑް ޖެހިގެން ދަރުމަވަންތަ ނޫންތަނަކުން ފަރުވާ ހޯއްދެވިކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެންމެ ފަހުން އެ ތަނުން ކޯވިޑް ޖެހިގެން ފަރުވާ ހޯއްދެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް