މޭ މަހުގެ މިހާތަނަށް ރާއްޖެއަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 50،525 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 4،40295 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ފާއިތުވި 4 މަސް ދުވަހު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް އައިސްފައިވަނީ 92،103 ފަތުރުވެރިންނެވެ. ފެބްރުއަރީމަހު 96،882 ފަތުރުވެރިން އައިސްފައިވާއިރު މަރޗުމަހު 1،09585 ފަތުރުވެރިން އަދި ނިމުނު އޭޕްރީލްމަހު ރާއްޖެއަށް 91،200 ފަތުރުވެރިންވަނީ އައިސްފައެވެ.
ފާއިތުވި މަސްތަކާއި އަޅާ ބަލާއިރު، މިމަހުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދު ދަށްކަން ފާހަގަކޮށްލެވެއެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ލަފާކުރެވެނީ، އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އައުން ހުއްޓުމާއި ރާއްޖޭގެ ކޯވިޑް-19 ހާލަތު ގޯސްވެފައިވުމުން އެހެން ޤައުމުންތަކުންވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވުމެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 2297 ފަތުރުވެރިންނެވެ. މިއީ އަހަރުގެ ކުރިއާ އަޅައި ބަލާއިރު ވަރަށް ދަށް އަދަދެކެވެ. ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް