ތޫފާން ޔާސްގެ، ތޫފާނީ އިންޒާރު ވެސްޓެ ބެންގޯލާއި އޮޑީޝާއަށް

ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުން އުފެދޭނެކަމަށް ބެލެވޭ ތޫފާން ޔާސްގެ ޕްރީ ސައިކްލޯނިކް ވޮޗް، ވެސްޓް ބެންގޯލާއި އޮޑީޝާގެ އައްސޭރިއަށް ނެރެފިއެވެ. ޕްރީ ސައިކްލޯން ވޮޗަކީ ތޫފާން އުފެދިދާނެކަމަށ...

23 May 2021 | 11:18

ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުން އުފެދޭނެކަމަށް ބެލެވޭ ތޫފާން ޔާސްގެ ޕްރީ ސައިކްލޯނިކް ވޮޗް، ވެސްޓް ބެންގޯލާއި އޮޑީޝާގެ އައްސޭރިއަށް ނެރެފިއެވެ.

ޕްރީ ސައިކްލޯން ވޮޗަކީ ތޫފާން އުފެދިދާނެކަމަށް ދުރާލާ ތައްޔާރުވުމަށް ނެރޭ އިންޒާރެވެ.

މި އިންޒާރު ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުން ނެރެފައިވާއިރު ބުނެފައިވަނީ މި ކޮޅިގަނޑުގެ މިސްރާބު ހުރީ ވެސްޓްބެންގޯލާއި އޮޑީޝާގެ އައްސޭރިއާއި ދިމާއަށް ކަމަށެވެ. މާދަމާގެ ހެނދުނުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވުން އެކަށީގެންވާކަމަށެވެ. އަދި ހަމަ އެ ދުވަހު ތޫފާން، ބާރުގަދަ ތޫފާނަކަށް ބަދަލުވުން އެކަށީގެންވާކަމަށެވެ. އަދި އެއަށްފަހު 25 އަދި 26 ވަނަ ދުވަހު ވަރަށް ބާރުގަދަ ތޫފާނަކަށް ބަދަލުވުން އެކަށީގެންވާކަމަށާއި 26 ވަނަ ދުވަހުގެ ރޭގަނޑު ތޫފާނުގެ ބާރު ދަށްވާން ފަށާނެ ކަމުގައި ބެލެވޭކަމަށެވެ.

މިހާރު ނެރެފައިވަނީ އާންމު އިންޒާރުތަކެކެވެ. އެއީ ކަނޑާއި ވައި ގަދަވާނެ ކަމަށާއި މަސްވެރިކަމަށް ނިކުން ރަނގަޅު ނޫންކަމަށް ނެރެފައވާ އިންޒާރުތަކެވެ. މި އިންޒާރުތައް ނެރެފައިވަނީ އަންޑަމަން ކަނޑާއި ބަންގާޅު ކަނޑުގެ ސަރަހައްދުތަކަށެވެ.

ތޫފާން އުފެދި، 26 ވަނަ ދުވަހު އިންޑިއާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ތޫފާން އުފެދިއްޖެނަމަ މިއީ މި އަހަރުގެ ތެރޭގައި އުފެދޭ ދެވަނަ ތޫފާނެވެ. ދީފައިވާ ނަމަކީ ތޫފާން ޔާސްއެވެ. މާނައަކީ ހުވަދުމަލެވެ. މިއީ އޮމާނުން ދޭ ނަމެކެވެ. މި ތޫފާނަށްފަހު ދެން އުފެދޭ ތޫފަނަކަށް ދޭނީ ތޫފާން ގުލާބް، މި ނަމެވެ. މިއީ ޕާކިސްތާނުން ދޭ ނަމެކެވެ.

މި ތޫފާންވެސް އިންޑިއާއަށް އަރާނެ ކަމުގައި ބެލެވޭއިރު މި އަހަރު އުފެދުނު ފުރަތަމަ ތޫފާން، ތޫފާން ޓައުޓޭވެސް އަރާފައިވަނީ އިންޑިއާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް