އަނެއްކާވެސް ދިވެހިން 'މަބްރޫކް' އިން ފުއްދާލަން ޖެހިފައި

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، އަނެއްކާވެސް ދިވެހިން މިވަނީ 'މަބްރޫކް' އިން ފުއްދާލަން ޖެހިފައެވެ. ރާއްޖޭގައި ކޮވިޑް ފެތުރިގެން އައިއިރު، އެންމެ ތާޒާ މައުލޫމާތާއެކު ދިވެހިންނާ ބައްދަލުކުރަނީ 'މަބް...

23 May 2021 | 08:33

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، އަނެއްކާވެސް ދިވެހިން މިވަނީ 'މަބްރޫކް' އިން ފުއްދާލަން ޖެހިފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރިގެން އައިއިރު، އެންމެ ތާޒާ މައުލޫމާތާއެކު ދިވެހިންނާ ބައްދަލުކުރަނީ 'މަބްރޫކް' އެވެ. ކޮވިޑްގައި ވާނުވާ ބުނެދީ، ވާންވީ ގޮތް ވެސް ބުނެދެނީ 'މަބްރޫކް' އެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖެވެސް ދެވަަނަ އަހަރާ ކުރިމަތި ލީއިރު، މިހާރު މި ފެންނަނީ މީގެ ކުރިން ދުވަހަކުވެސް ކޮވިޑްގެ ވޭދަނަތައް ނުދާހާ މައްޗަށް ގޮސްފައި ވާތަނެވެ. ކޮންމެ ދުވަހަކު ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު ގިނަވެ، ކޮންމެ ދުވަހެއްގެ އަދަދުވެސް އެއް ހާސް ހުރަސްކުރެއެވެ. އަދި ރާއްޖެއިން މިހާތަނަށް ކޮވިޑްގައި އެންމެ ގިނަ މީހުން ނިޔާވީވެސް މި ހިނގާ މެއި މަސް ތެރޭގައެވެ.

ކަންތައްތައް މިހާހިސާބަށް ގޮސް، ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދިޔައިރު ދިވެހިން މި ޖެހުނީ 'މަބްރޫކް' އިން ފުއްދާލާށެވެ. ޕްރެސް ކޮންފަރެންސް ތަކުގައި ދައްކާ ވާހަކަ އަޑުއެހި ނަމަވެސް ކޮވިޑްގެ ވޭދަނަތައް މަތިވާ ސަބަބާމެދު ކަންބޮޑުވެ، އިތުރަށް މާޔޫސްވެފައެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްޖަހައި، ދެވަނަ ޑޯޒް ޖަހަން ޖެހޭ ދުވަސް ފާއިތު ވީއިރުވެސް އެއްބަޔަކަށް ވެކްސިން ނުލިބެއެވެ. ދެން ކަންތައް ކުރަންވީ ކިހިނެތްތޯ ވެސް އެކިއެކި ޕްރެސް ކޮންފަރެންސް ތަކުގައި އަހައި، އެއަށް ލިބޭ ޖަވާބާއެކު 'މަބްރޫކް' އިން ފުއްދާލަނީއެވެ.

ވެކްސިން ޖެހުމުގެ ކަންތައްތައް އޮތް ހިސާބުން މީހުން ކަންބޮޑުވެ، ކޮވިޝީލްޑް ގެ ފުރަތަަމަ ޑޯޒް ޖަހައި ގިނަ ދުވަސް ވުމުން، އަލުން ސިނޮފާން ވެކްސިންގެ ދެޑޯޒް ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ ވެސް މީހުން ސުވާލު އުފައްދައެވެ. މީހުންގެ މިފަދަ ސުވާލުތަކަށް ޓްވިޓާގައި ޑޮކްޓަރުން ޖަވާބުވެސް ދެއެވެ. ނަމަވެސް އެހިސާބުން ޖެހެނީ 'މަބްރޫކް' އިން ފުއްދާލާށެވެ. އިތުރަށް ކަންތައް ކުރަން ވި ގޮތް ޑޮކްޓަރުން ބުނެދިން ނަމަވެސް އެކަމަށް އިތުރު ފިޔަވަޅެއް އެޅޭނީ 'މަބްރޫކް' އަށެވެ.

https://twitter.com/imustho/status/1396170289277333506

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ދިވެހިންގެ އުދާސްތަކާއި ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ގޮސްފައެވެ. ކަރަންޓީންގެ ލިޔުން ނުލިބުމުގެ ސަބަބުން އެތަކެއް ބައެއްގެ ވަޒީފާއަށް އެކަމުގެ އަސަރު ކުރަމުން ދެއެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލެމުން ދެެއެވެ.

ހަތަރު ހާހަށްވުރެ ގިނަ ޑޮކިއުމެންޓްސް ގެ ބެކްލޮގް އުޅޭކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ. ނަމަވެސް ވަރަށް އަވަހަށް އެ ޑޮކިއުމެންޓްތައް 'ކްލިއަރ' ކުރަން މަސައްކަތް ކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.

" އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި، އެންމެ ބޮޑު އުނދަގުލެއްގެ ގޮތުގައި މިހާރު އޮތް ކަމަކީ ލީގަލް ޑޮކިއުމެންޓްތައް ވަގުތުން ނުލިބުން، ނުވަތަ14 ދުވަހުގެ ކަރަންޓީން އައިސޮލޭޝަން ނިންމަވާއިރު ވެސް އެ ޑޮކިއުމެންޓްތައް އަތަށް ނުލިބި ހުރުން" މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ޑޮކިއުމެންޓްސް ނުދެވި ހުރިކަމަކީ ގަބޫލް ކުރާކަމެއް ކަމަށާއި އެކަން ހިތާމަޔާއެކުގައި ފާހަގަކުރާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އެރޭ ވިދާޅުވީ، އަންނަ ހަފްތާގައި ސިސްޓަމްތަކުގައި ހުރި މައްސަލަ ހައްލުވާނެ ކަމަށް ޓާގެޓްކުރާ ކަމަށެވެ. އެހެންކަމުން ޕްރެސް ކޮންފަރެންސް ތަކުގައި ދޭ ޖަވާބުން ފުއްދާލައިގެން ތިބެން މިވަނީ ޖެހިފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ 'މަބްރޫކް' އިން ފުއްދާލައިގެން ތިބުން ނޫން ގޮތެއް ނެތެވެ.

https://twitter.com/Zarra_zeday_zaa/status/1396008000444264458

ދެން އޮތް ޝަކުވާ އަކީ ސާމްޕަލް ނެގުން ލަސްވާ ވާހަކަ އާއި ނަތީޖާ ލިބުމަށް ގިނަ ދުވަސްތަކެއް ނަގާކަމުގެ ޝަކުވާއެވެ. މިކަން މިގޮތަށް ދިމާވާ ސަބަބު މަބްރޫކް ވަނީ ކިޔައިދެއްވާފައެވެ. ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގުމާއި އެނޫންވެސް ބައެއް ސަބަބުތަކާހުރެ، ނަތީޖާ ލިބުން ބައެއްފަހަރު ލަސްވެއެވެ. ނަމަވެސް އެކަން އެގޮތަށް ވަމުން ދާތީ، 'މަބްރޫކް' އިން ފުއްދާލައިގެން ތިބެން ޖެހެއެވެ.

މީގެ ކުރިން ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ސާމްޕަލް ނެގުމާއި ޓެސްޓުކުރުން ގެންދިޔަ ގޮތާއި މިހާރު ގެންދާ ގޮތާ ތަފާތެވެ. މިހާރު ޓެސްޓު ކުރަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ބޮޑަށް ހައިރިސްކް މީހުންނަށެވެ. މި މަހުގެ20 ވަނަ ދުވަހުގެ ރޭ ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި، އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިންގް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އާމިނަތު އަރޫޝާ ވިދާޅުވީ، މިފަހަކަށް އަހިސް ދުވާލެއްގެ މައްޗަށް ރިޕޯޓްކުރާ ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވެފައި ވާ ކަމަށެވެ.

އެގޮތުން ދުވާލަކު އެވްރެޖްކޮށް 1500 އެއްހާ ކޭސް ރިޕޯޓުކުރަމުން ދާތީ، އެންމެނަށް ގުޅައިގެން މައުލޫމާތު ހޯދާނަމަ، ހައި ރިސްކް މީހުން ދެނެގަނެ، އެފަރާތްތަކަށް ފަރުވާ ދިނުމަށް ދަތިތަކެއް ވާނެ ކަމަށެވެ. އެހެންކަމުން ފައްސި ފަރާތަކާ ކޮންޓެކްޓް ވިޔަސް، ހައިރިސްކް ނޫންނަމަ 'މަބްރޫކް' އިން ފުއްދާލައިގެން ތިބުން ނޫން ގޮތެއް ނެތެވެ.

ޖުމުލަކޮށް ބުނާނަމަ، އަނެއްކާވެސް ދިވެހިން މިތިބީ 'މަބްރޫކް' އިން ފުއްދާލަން ޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް