ލޯކަލް ކައުންސިލް އިންތިޚާބު 2021ގެ ނަތީޖާގެ ސައްހަކަން ކަށަވަރުކުރުމަށް، ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓް އަލުން ގުނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
އެކޯޓުން އަލުން ވޯޓް ގުނުމަށް އަންގާފައިމިވަނީ ކައުންސިލް އިންތިޚާބާއި ގުޅިގެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އެރަށު ހެލެގެލި، ޝުއައިބު މުހައްމަދު ދީދީ ހުށައެޅި އިންތިޚާބީ ޝަކުވާގެ މައްސަލައިގައި ނެރުނު ހުކުމުގައެވެ.
މި މައްސަލާގައި ހުކުމް ނިމެންދެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މައްޗަށް ހައިކޯޓުން ކުރިން އޮތީ އަމުރުކޮށްފައެވެ. ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އެރަށު ހެލެގެލި، ޝުއައިބު މުހައްމަދު ދީދީ އިންތިޚާބީ ޝަކުވާ ހުށައެޅީ ބާތިލް ވޯޓާއި ސައްހަ ވޯޓް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރި ގޮތުންނެވެ.
މި މައްސަލަ ނިންމާ ހައިކޯޓުން އިއްވި ހުކުމްގައި ވަނީ ގއ. ކޮނޑޭ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ބެހެއްޓި 3 ވޯޓް ފޮއްޓެއް އަލުން ގުނާ ނަތީޖާ ކަނޑައަޅަންޖެހޭ ހާލަތެއް މެދުވެރިވެފައިވާކަމަށް ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން އެވޯޓް ފޮށިތައް އަލުން ގުނުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މިދިޔަ މަހު 10 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުގައި ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް 3 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާ ދައްކާގޮތުން އެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރި ކެނޑިޑޭޓް އަހްމަދު އަބްދުލް ހަކީމްމެވެ. އޭނާއަށް ލިބިފައިވަނީ 130 ވޯޓެވެ. ދެވަނައަށް ގޮސްފައިވަނީ ހައިކޯޓަށް މައްސަލަ ހުށައެޅި ޝުއައިބު މުހައްމަދު ދީދީއެވެ. އަމިއްލަ ގޮތުން ވާދަކުރި ޝުއައިބު މުހައްމަދު ދީދީގެ މައްޗަށް ގޮނޑި ކާމިޔާބުކުރި އަހްމަދު އަބްދުލް ހަކީމް ކުރި ހޯދާފައިވަނީ އެންމެ 2 ވޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް